މާލެ ދަތުރު ކުރަމުންދިޔަ ހޮޅުދޫ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ކަނޑަށް ވެއްޓި ގެއްލުނު ލ. މާވަށު، އަލީ މުޝްފިޤުގެ ކަށުނަމާދު އަންނަ ހުކުރުގައި އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދަން މަސައްކަތް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކްް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ޝަހީމް މިއަދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، މާވަށު ދޯނީގައި ހިނގާދިޔަ ހާދިސާގައި ގެއްލިފައިވާ އަލީ މުޝްފިޤުގެ ކަށު ނަމާދު މިއަދު ނުކުރާކަމަށެވެ.
ޝަހީމް ވިދާޅުވީ މުޝްފިޤުގެ ޢާއިލާއާ މިހާރު ވާހަކަ ދައްކާފައިވާ ކަމަށާއި މި ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ހަމައެހެންމެ ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
“ އިންޝާ ﷲ މުޝްފިޤުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާނަން. މުޝްފިޤަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެއް.އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއް“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވީ މުޝްފިގު ގެއްލުނު ހާދިސާއަކީ އެ ޢާއިލާގެ އިތުރުން އެންމެންނަށްވެސް ލިބުނު ހިތާމައެއް ކަމަށެވެ.
ތ. އަތޮޅު ވިލުފުށިން ފުރައިގެން ދަތުރުކުރަމުންދިޔަ ”ހޮޅުދޫ ބޯޓު“ގައި އަލިފާނުގެ ހާދިސާ ހިނގީ މި މަހުގެ 2ވަނަ ދުވަހުގެ ރޭ ގައެވެ. އަދި 18 މީހުނާއެކު ދަތުރުކުރަމުން ދިޔަ އެ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ، އަލީ މުޝްފިގު ޝަރީފު، ނިޔާވެއްޖެ ކަމަށް ނިންމައި އޭނާގެ މައްޗަށް މިއަދު ހުކުރަށްފަހު ޣައިބަށް ކަށުނަމާދު ކުރަން އެ ރަށު ކައުންސިލުން އިއްޔެ ވަނީ ނިންމާފައެވެ.


