ބޯކޮށް ވާރޭ ވެހި އިންޑިއާ އަދި ނޭޕާލްގައި 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިންޑިއާ އާއި ނޭޕާލްގެ ބައެއް ހިސާބުތަކަށް މިދިޔަ ބުދަ ދުވަހުން ފެށިގެން ބޯކޮށް ވާރޭވެހި 100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ) އިން ބުދަ ދުވަހު މޫސުން ލަފާކޮށްފައިވާ ގޮތުގައި އެ ގައުމުގެ ހުޅަނގަށް ހޫނު ގަދަވާނެއެވެ. އަދި އިރުމައްޗާއި މެދުތެރޭ ސަރަހައްދުތަކަށް ގުގުރުމާއެކު ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.
ހަމައެހެންމެ ހޯމަ ދުވަހުގެ ނިޔަލަށް އިންޑިއާގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުތަކަށް ގުގުރުމާއިއެކު ވިލާގަނޑުގައި ވައިގަދަވެ ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އިންޑިއާގެ އިރުމަތީ ސްޓޭޓްގެ ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ އިންޑިއާގެ ބިހާރު ސްޓޭޓްގައި މިދިޔަ ދެ ދުވަހުގެ ތެރޭގައި ވިއްސާރައާ ގުޅުން ހުރި ހާދިސާތަކުގައި 82 މީހުން މަރުވެފައިވާ ކަމަށެވެ.
ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް އުއްތަރު ޕްރަދޭޝްގައި ވެސް ވިއްސާރައާ ގުޅުންހުރި ހާދިސާތަކުގެ ސަބަބުން 18 މީހަކު ވަނީ މަރުވެފައެވެ.
މީގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ އޮތޯރިޓީގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން އަވަށްޓެރި ނޭޕާލްގައިވެސް ބޯކޮށް ވާރޭވެހި 8 މީހަކު ވަނީ މަރުވެފައެވެ.
އާންމުކޮށް ޖޫން މަހު ވިއްސާރަ މޫސުން ފެށޭއިރު، އިންޑިއާގައި މި އަހަރު އާދަޔާ ހިލާފަށް ހޫނުގަދަވެފައިވާއިރު، އައިއެމްޑީން ލަފާކުރާ ގޮތުގައި އޭޕްރީލް މަހުގެ ބޮޑު ބައެއްގައި އާންމު ހާލަތަށް ވުރެވެސް ހޫނުމިން މައްޗައް ދާނެއެވެ.


