ހަތަރު ރަށެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މި މަހު ފަށަން ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށަން ނިންމާފައިވާ ހަތަރު ރަށަކީ މ.މުލީ، ށ.ފުނަދޫ، ށ.މިލަންދޫ އަދި ނ.ވެލިދޫ އެވެ.
މާލެ ނޫން އެހެން ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ފުރަތަމަ ފަހަރަށް ހެދީ 19 ސެޕްޓެމްބަރު 2024 ގައި ގއ. ވިލިނގިލީގައެވެ.
އޭގެ ކުރިން އައިޑީ ކާޑު ޕްރިންޓް ކުރަމުން ދިޔައީ ހަމައެކަނި މާލޭގައި ޑީއެންއާރުގެ އޮފީހުގައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
މިގޮތުން މިހާރު މާލޭން ބޭރުން އަތޮޅުތަކުގެ 15 ސަރަހައްދެއްގައި އައިޑީ ކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ހިދުމަތް ދަނީ ދެމުންނެވެ.




