ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ ވިރާޓް ކޯލީ އާއި އަނުޝްކާ ޝަރްމާއަކީ، މަޝްހޫރު މީހުންގެ ތެރެއިން އެންމެ ފިޓްކޮށް ތިބޭ މީހުންގެ ތެރެއިން ފާހަގަ ކޮށްލެވޭ ދެމީހުންނެވެ.
ގިނަ ބަޔަކު އެމީހުންގެ ހަށިގަނޑު ހުންނަ ގޮތާމެދު ތައުރީފުކޮށް، އެމީހުން ފަދައިންވާން ބޭނުންވާކަން ވެސް ވަނީ ހާމަކޮށްފައެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިރާޓްއާއި އަނުޝްކާވަނީ ރަނގަޅު ސިއްޙަތެއްގައި ތިބުމަށާއި ފިޓްކޮށް ތިބެން ކޮންމެ ދުވަހަކު އެމީހުން ކުރާ ބައެއް ކަންކަން ހިއްސާ ކޮށްފައެވެ.
އެގޮތުން އެމީހުން ބުނީ، ކޮންމެ ދުވަހަކު ވެސް އެމީހުން ވަރަށް ހެނދުނާ ހޭލާ ކަމަށާއި ހޭލުމަށްފަހު އެންމެ ފުރަތަމަވެސް ފެން ބޯ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު އެދެމީހުން ވެސް ފެން ބޮނީ، ތާފެނާފެނަށް ލުނބޯހުތާއި މާމުއިކޮޅެއް އަޅައިގެން ކަމުގައި ބުނެފައިވެއެވެ. އޭގެ ސަބަބުން ލޭ ސާފުވެ، ހަންގަނޑުވެސް ރީތިވާނެ ކަމަށް ބުނެފައިވެއެވެ.
އޭގެފަހުން ވިރާޓްއާއި އަނުޝްކާވެސް ހެނދުނު ގަޑީގައި ކަސްރަތު ކުރާކަމަށް ވެސް ބުނެފައިވެއެވެ. އެގޮތުން ގޭގައި ހެދޭނެ ބައެއް ކަސްރަތުތައް ކޮންމެ ދުވަހަކު އެމީހުން ކުރެއެވެ.
ހެނދުނު ނާސްތާއަށް ވެސް އެދެމީހުން ކަނީ ފަތްޕިލާވެލީގެ ބާވަތްތައް ކަމަށާއި އެއީ ވެސް ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކަމުގައި ބުނެފައިވެއެވެ.
މިކަންކަމުގެ އިތުރުން ސިކުނޑި ތާޒާކޮށް ބެހެއްޓުމަށް، ކޮންމެ ދުވަހަކު ހެނދުނު ވިރާޓްއާއި އަނުޝްކާ މެޑިޓޭޓް ކުރެއެވެ.
އެންމެފަހު ކަމަކަށް އެމީހުން ބުނެފައިވަނީ، އެމީހުން ރޭގަނޑުގެ ކެއުން ކަނީ ރޭގަނޑު އަނދިރިވުމުގެ ކުރިން ތަންކޮޅެއް އަވަސް ވަގުތެއްގައި ކަމަށެވެ. އަދި އަވަހަށް ނިދުމަށްވެސް ޚާއްސަ ސަމާލުކަމެއްދޭ ކަމުގައި ބުނެފައިވެއެވެ.



