އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާއަކީ ނޫސްތަކުގެ ފަލަ ސުރުހީއަށް ދުވަސްކޮޅުކޮޅުން އަރާ ކުޅަދާނަ ފަންނާނެކެވެ.
ކަޕިލްގެ މޮޅު ކޮމެޑީއާއި މީހުންނާ ގުޅޭ މިޒާޖުން ގިނަ ބައެއްގެ މަގުބޫލުކަން އޭނާއަށްވަނީ ލިބިފައެވެ.
އެކްޓަރެއްގެ ގޮތުގައިވެސް ހަރަކާތްތެރި ވަމުންދާ ކަޕިލް ޝަރްމާ މިދިޔަ ދުވަސްކޮޅު ވަނީ ސްކްރީންތަކުން ގެއްލިފައެވެ. އިންޑިއާގެ ޕަޕަރާޒީންނަކީ އަބަދުވެސް އެތަންމިތަނުގައި ފަންނާނުންގެ ފޮޓޯއާއި ވީޑިއޯ ނަގަމުންދާ ބަޔަކަށްވާއިރު، އޭގެން މީހެއްގެ ލެންސަށްވެސް ކަޕިލް އަރާފައެއް ނުވެއެވެ.
ނަމަވެސް ދާދިފަހުން އެއާޕޯޓުން ޕަޕަރާޒީންނާ ކަޕިލް ވަނީ އަނެއްކާވެސް ދިމާވެފައެވެ. މުޅިން ތަފާތު ގޮތަކަށް ހެދުން އަޅާފައިހުރިއިރު، އެންމެންގެ ނަޒަރުވެސް ހުއްޓިފައިވަނީ އޭނާގެ ބަރުދަން ލުއިވެފައި ހުރިވަރަށެވެ. ކުރިން ހުންނަ ބޮޑު ބަނޑެއްވެސް އޭނާގެ މިހާރު ނެތެވެ. އަދި މޫނުމަތިން ވެސް އޭނާ މިހާރު ވަރަށް ހިކިކަން ފެންނަން ހުއްޓެވެ.
ކަޕިލްގެ ވީޑިއޯތަކާއި ފޮޓޯތަކަށް ކޮމެންޓުކުރި އޭނާގެ ގިނަ ފޭނުންނަށް، އޭނާ މިހާރު ހުރިގޮތް ވަރަށް ކަމުދިޔައެވެ. ނަމަވެސް ބައެއް މީހުން ބުނި ގޮތުގައި ކަޕިލް ކުރިން ހުރިގޮތް އޭނާއާ މާބޮޑަށް ގުޅެއެވެ.



