އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ސަނާބިލް އިމާރާތުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފައްޓަވައިދެއްވައިފިއެވެ.
ސަނާބިލް އިމާރާތުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވުމުގެ ގޮތުން ރައީސް މުޢިއްޒުވަނީ އެއިމާރާތް ތަރައްޤީކުރާ ސަރަހައްދުކަމުގައިވާ ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމަތީގައި އޮންނަ ލޮޓް ހިމެނޭ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަނާބިލް ޢިމާރާތްކުރަން ފައްޓަވައިދެއްވުމުގެ ގޮތުން ކޮންކްރީޓް އަޅުއްވައިދެއްވާފައެވެ.
މި މަޝްރޫޢުއަކީ އައިޔޫއެމްއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޔުނިވަރސިޓީގެ ބިމެއްގައި 7 ބުރީގެ ”މިކްސްޑް-ޔޫޒް ކޮމްޕްލެކްސް“ އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިންގ ޖާގަތައް ވެސް ހިމެނެއެވެ.
މިއީ އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ޢިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫޢެވެ. މި މަޝްރޫޢު ހިންގުމަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގައި 1 މަސްދުވަހުގެ މުއްދަތަށް އައި.ޔޫ.އެމްގެ ޞުކޫކު (ޞުކޫކު އިސްތިސްނާޢު) ސަބްކްރިޕްޝަންއަށް ހުޅުވާލީ 11 އޮގަސްޓް 2024ގައެވެ. އަދި މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބީ.އެމް.އެލް އިސްލާމިކް އިންނެވެ.
މި ޢިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުންނެވެ.




