މި އަހަރުގެ އަޟްޙާ ޢީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހިންގޭ ހަރަކާތްތަކުގެ މިންގަނޑުތައް އިތުރަށް ފުރިހަމަކުރަށް ނިންމައިފިއެވެ.
މިކަމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވަނީ އަޟްޙާ ޢީދުގެ ހަރަކާތްތައް ރާވައި އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލައިފައިވާ ފަންނީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
އެގޮތުން ފަންނީ ކޮމިޓީގެ އެ ބައްދަލުވުމުގައި ޢީދުގެ ހަރަކާތްތައް ފާއިތުވި އަހަރަށް ވުރެ ފުރިހަމަކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.
ޤައުމީ ފެންވަރުގައި ރަސްމީކޮށް ތިން ސަރަހައްދެއްގައި ބޭއްވިޔަސް މުޅި ރާއްޖެ ޝާމިލުވާނެހެން ކަންކަން އިންތިޒާމުކުރަން އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. އަދި އެކި ކަންކޮޅުތަކުގައި އެކި ފަރާތްތަކުން ބާއްވާ ހަރަކާތްތައް ޤައުމީ ޓީވީން ދުރަށް ދެއްކޭނެ ގޮތްތައް ވީހާވެސް ބޮޑަކަށް ހަމަޖެއްސުމަށް ވެސް ވާހަކަދައްކާފައިވެއެވެ.
މީގެއިތުރުން އިސްލާމީ އިންތަކާއި މިންގަނޑުތަކަށް ފެތޭނެހެން ޢީދުގެ ހަރަކާތްތައް ބަންޓަންކުރުމަށް ބާރު އަޅައި، އެކަން ކަށަވަރުކުރުމަށް އިސްކަން ދިނުމާއި ޚާއްސަކޮށް ޢީދުގެ ޕްރޮޕޯސަލްތައް އެކުލަވާލުމަށް މިންގަނޑުތައް ކަނޑައަޅާ އިރު، އެފަދަ ހަރުދަނާ އިސްލާޙީ ވިސްނުމެއްގެ މައްޗަށް ކަންކަން އެކަށައެޅުމަށް ވެސް މަޝްވަރާ ކުރިއެވެ.
މި ކޮމެޓީގައި ދީނީ ކަންކަމުގައި ލަފާދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީންނެވެ. ފަންނީ ކަންކަމުގައި ދައުލަތުގެ މީޑިއާއިންނެވެ. އަދި އިންތިޒާމީ އިދާރީ ކަންކަން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީންނެވެ.



