ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްގީގެ ތަސައްވުރާއި އަދި އެ ބޭންކުގެ އަމާޒުތައް ވަނީ ގުޅިލާމެހިފައި ކަމަށް، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ބީއެމްއެލްގެ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސަނާބިލް އިމާރާތުގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސީއީއޯ ޝަރީފު ވިދާޅުވީ، ސަރުކާރުގެ މުހިއްމު ލަނޑުދަނޑިތައް ހާސިލްކުރުމަށް ހިންގާ މަޝްރޫއުތަކުގައި ބީއެމްއެލްއިން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދޭނެކަަމަަށެވެ.
”އެކައުންޓުން ފެށިގެން ފައިނޭންސިންއާ ހަމައަށް ފުރިހަމަ އިސްލާމީ ބޭންކެއްގެ އުފެއްދުންތަކާއެކު ބީއެމްއެލްއިން މިދަނީ މުޅި ގައުމުގައި މާލީ ބާރުވެރިކަން އިތުރުކުރަމުން. ހުރިހާ އެންމެން ޝާމިލުވާ ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކޮށް، މާލީ ބާރުވެރިކަން އިތުރުކުރުމަށް ބީއެމްއެލްއިން މިދަނީ މުހިއްމު ދައުރެއް އަދާކުރަމުން. ރައީސުލްޖުމްހޫރިއްޔާ ޑރމުހައްމަދު މުއިއްޒު ގައުމީ ތަރައްގީއަަށް ކަނޑައަޅުއްވާފައިވާ ވިސްނުންފުޅާއި ލީޑަރޝިޕް ބީއެމްއެލްގެ މިޝަންއާ ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފަ“ ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީގެ ސަނާބިލް އިމާރާތް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިގްތިސާދީގޮތުން ވަރުގަދަ ދިވެހިރާއްޖެއެއް ބިނާކުރުމަށް ކުރެވޭ އިންވެސްޓެއްކަމަށް ދެކެވަޑައިގަންނަވާކަމަަށެވެ.




