އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްތް މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހި މަސްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.
އެމްޑީޕީން ބޭއްވި މުޒާހަރާއަކަށްފަހު، މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ގެއަށް ދަނިކޮށް މަންދީއާއި އެ ޕާޓީގެ އެހެން އެކްޓިވިސްޓެއް ކަމަށްވާ މުޙައްމަދު ލަމްއާންގެ ގަޔަށް ބަޔަކު ކަަޅުތެޔޮ ޖެހި ކަމަށްބުނެ، މަންދީގެ ފަރާތުން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.
މަންދީ ބުނި ގޮތުގައި މާސްކާއި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ސައިކަލެއްގައި ގޮސް އޭނާގެ ގަޔަށް ކަޅު ތެޔޮ ޖެހީ އެރޭގެ މުޒާހަރާ ނިންމާލުމަށް ފަހު ޗާންދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގެއިން ނުކުމެގެން ގެއަށް ދަނިކޮށެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ގއ. ދާންދޫ ސަލްޓަން ވިލާ / އަހްމަދު ރިޝްމާހް (20އ.) އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 27ވަނަ ދުވަހު ގައި ވެސް ފުލުހުން ވިދާޅުވިއެވެ.
ރިޝްމާހްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކުރިއެވެ.
އެ މުއްދަތު ހަމަވެގެން ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.




