އިސްރާއީލުން ބޮން އަޅާ ޣައްޒާގެ މައި މެޑިކަލް ފެސިލިޓީގެ ސާޖަރީ ޑިޕާޓްމަންޓްތައް ހަލާކުކޮށްލައިފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ވައިގެ ހަމަލާދީފައި ވަނީ ޣައްޒާގެ އަލްއަހްލީ ބެޕްޓިސްޓް ހޮސްޕިޓަލަށެވެ.
އެ ހަމަލާގައި ޣައްޒާ ސިޓީގައި މިހާރު ހުރި ހަމައެކަނި މެޑިކަލް ފެސިލިޓީ ކަމަށްވާ އަލްއަހްލީ ހޮސްޕިޓަލުގެ އައިސީޔޫ އާއި ސާޖަރީ ޑިޕާޓްމަންޓްތައް ވަނީ ހަލާކުކޮށްލާފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އިޒްރޭލުގެ ނޫސްވެރިޔަކާ ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލު ޑިފެންސް ފޯސަސް (އައިޑީއެފް) އިން ޑޮކްޓަރަކަށް ގުޅައި އެ ހޮސްޕިޓަލަށް ބޮން އަޅާނެކަމުގެ އިންޒާރު ވަނީ ދީފައެވެ.
”ކަލެއަށް ބާކީ އޮތީ އެންމެ 20 މިނެޓު“ މިހެން ބުނެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އަލްއަހްލީ ބެޕްޓިސްޓް ހޮސްޕިޓަލުގެ ދެ ބުރީގެ އިމާރާތަށް މިސައިލް ހަމަލާދިނުމުން އެ ހޮސްޕިޓަލުން ބޮޑެތި އަލިފާންގަނޑުތަކާއި ދުން އަރައެވެ.
އަދި ހޮސްޕިޓަލުގެ އެނދުތަކުގައި ތިބި ބައެއް ޕޭޝަންޓުންނާއި މުވައްޒަފުންނާއި އެތަނުން ހިޔާވަހިކަން ހޯދަމުންދިޔަ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އެތައް ބަޔަކު އެ އިމާރާތުން ނިކުމެގެން ދުރަށް ދާ މަންޒަރު ފެނެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ސިވިލް އިމަޖެންސީ ސާވިސް އިން ބުނެފައިވެއެވެ.
ހަނގުރާމައިގެ ކުރިން ކުޑަ މެޑިކަލް ފެސިލިޓީއެއް ކަމަށްވާ އަލްއަހްލީ އަކީ ޣައްޒާ ސިޓީގެ އުތުރުގައި ހުންނަ އަލްޝިފާ މެޑިކަލް ކޮމްޕްލެކްސް އާއި ހޮސްޕިޓަލްތައް ހަލާކުވުމާ ގުޅިގެން މިހާރު ޣައްޒާގައި ހިންގަމުން އަންނަ ހަމައެކަނި ހޮސްޕިޓަލެވެ.
ފަލަސްތީނުގެ މިނިވަންކަމަށްޓަކައި މަސައްކަތްކުރަމުން އަންނ މުޖާހިދުންގެ ޖަމާއަތް، ހަމާސް ޖަމާއަތުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ މި ހަމަލާ ކުށްވެރިކޮށްފަ އެވެ. ހަމާސް ޖަމާއަތުން ބުނީ މި ހަމަލާއަކީ އިޒްރޭލުން ހިންގާ ބިރުވެރި ޖަރީމާއެއް ކަމަށާއި އެ ކަންގާތުން ބަލަމުން އަންނަ ކަމަށެވެ.



