ހދ. ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރި މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުން އިއްވައިފި އެވެ.
މި މައްސަލައިގައި ޑައިމޯފިން ފޮރުވާފައި ހުރީ ކަނޑު ބޯޓެއްގައި އެ ރަށަށް އެތެރެ ކުރި ފޮށިގަނޑެއްގައި ހުރި ޕޮޓެއްގައި އިންދާފައި ހުރި ގަހެއްގެ މޫގަނޑުގެ ތެރޭގައި އޮތް ކޮތަޅެއްގައެވެ.
ފުލުހުން އެ މީހާ ހައްޔަރުކޮށްފައި ވަނީ މާލެ އާއި ކުޅުދުއްފުއްޓާއި ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓަކުން އޭނާ ހަވާލުވާންދިޔަ ފޮށިގަނޑެއްގައި ހުރި ޕޮޓުން މަސްތުވާތަކެތި ފެނުމުންނެވެ.
ތަހުލީލު ރިޕޯޓުގައިވާގޮތުން އެ ކޮތަޅުން 51.15 ގްރާމްގެ ޑައިމޯފިން ވަނީ ފެނިފައެވެ.
މި މައްސަލައިގައި ކުޅުދުއްފުށީ ކޯޓުން ކުރި ހުކުމްގައި ވަނީ އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރި ކަމުގެ ދައުވާ އުފުލާފައެވެ.
ކުޅުދުއްފުށީ ކޯޓުން ނެރުނު ހުކުމުގައި ބުނީ އޭނާގެ އަތުގައި ހުރި ގަސް ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް އެނގޭ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި މި މައްސަލާގައި އޭނާގެ އަމަލުތައް ހުރި ގޮތާއި ފުލުހުންނަށް ކުރިން ލިބުނު މައުލޫމާތާ ދިމާވާ ކަމަށެވެ.
ހަމައެހެންމެ ކޯޓު އަމުރުގައި ބުނީ އެ ފޮށިގަނޑު ބޯޓަށް ބަލައި ގޮސްފައި ވަނީ ދައުވާ ލިބޭ މީހާކަން ސާބިތުވާ ކަމަށެވެ. އަދި ފުލުހުން ބަލާ ފާސްކުރަން އޭނާ ހުއްޓުވިއިރު އެ ފޮށިގަނޑު އޮތީ އޭނާގެ އަތުގައިކަމަށްވެސް ސާބިތުވާ ކަމަށް އެ އަމުރުގައި ބުނެފައި ވެއެވެ.
މި މައްސަލައިގައި އެ ފިރިހެން މީހާ ވަނީ އެއީ އޭނާގެ ފޮށިގަނޑެއް ނޫން ކަމަށާއި އެއީ އޭނާގެ އަންހެނުން ބުނެގެން ހަވާލުވި ފޮށިގަނޑެއް ކަމަަށް ބުނެފައެވެ. ނަމަވެސް އެ އަންހެންމީހާ ވަނީ އެކަމަށް އިންކާރު ކޮށްފައެވެ.
އެހެންކަމުން މި މައްސަލަ އެ ފިރިހެންމީހާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް ވަނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މީގެ އިތުުރުން 100،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ 12 މަސް ދުވަސް ތެރޭ ދައުލަތަށް ދައްކަން އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.



