ތިލަފުއްޓޭ ބުނުމުން ބައެއް ފަރާތްތަކުގެ ވިސްނުމަށް އަންނާނި ”ކުނި ގޮނޑު“ ނުވަތަ ”ކުނި އަންދާތަން“ ކަމުގައެވެ. ނަމަވެސް ތިލަފުށްޓަކީ މާލެ އަތޮޅުގައި ހިމެނޭ، އިޤްތިސާދީ ގޮތުން ވަރަށް މުހިންމު ރަށެކެވެ. ކުރިމަގުގައި ތިލަފުށި ވެގެންދާނީ ވިޔަފާރީގެ ގޮތުން ގިނަގުނަ ފުރުސަތުތަކެއް ފަހިވެފައިވާ، ރާއްޖޭގައި އުފެދޭ އެންމެ ބޮޑު ”ވިޔަފާރި ހަބް“ ކަމުގައި ވިޔަފާރީގެ މާހިރުން ދެކެއެވެ.
ތިލަފުށިން ދިވެހިންނަށް ބިން ވިއްކަން ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނު ކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެނގިފައިވާ ގޮތުގައި އެޗްޑީސީ އިން ވަރަށް އަވަހަށް ބިން ވިއްކުމަށް އިއުލާނު ކުރާނެ އެވެ.
ތިލަފުށިން ވިޔަފާރި އުސޫލުން ބިމެއް ގަތުމުގައި ވަރަށް ގިނަ ފައިދާތައް އެބަ ހުއްޓެވެ.

° ތިލަފުށީގައި ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރެއް:
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ކުރިން އިއުލާނު ކުރައްވާފައެވެ. ތިލަފުށީގައި ޤާއިމު ކުރެވޭ މި ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރުގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ވިޔަފާރި އިތުރަށް ފުޅާވެ، ތިލަފުށި ވެގެންދާނީ އިންޑިއާ ކަނޑުގައި ހިމެނޭ މުހިންމު ”ސެންޓްރަލް ލޮޖިސްޓިކްސް ހަބް“ އަކަށެވެ.

° ތިލަފުށީގެ ސްޓްރެޓީޖިކް ލޮކޭޝަން:
ތިލަފުށީގައި އިންވެސްޓް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެރަށުގެ ސްޓްރެޓީޖިކް ލޮކޭޝަންގެ ބޭނުން ހިފުމެވެ. ތިލަފުއްޓަކީ މާލެއާ ގާތްގަނޑަކަށް އެންމެ 6 ކިލޯމީޓަރު (3.7 ނޯޓިކަލް މޭލު) ދުރުގައި އޮންނަ ރަށެކެވެ. މިހާރު ކުރިޔަށްދާ ތިލަ-މާލެ ބްރިޖު މެދުވެރިކޮށް ތިލަފުއްޓާއި މާލޭ ގުޅުވާލުމުން، ދެ ރަށް ދެމެދުގައި މުދާ އުފުލުމުގައި ވަރަށް ލުއިފަސޭހަވެ، މުދާތައް ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަ ވެގެންދާނެއެވެ.
މީގެ އިތުރުން ތިލަފުއްޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާވެސް ކައިރީގައި އޮންނަ ރަށަކަށްވުމުން، ވައިގެ މަގުން އަންނަ މުދާވެސް އެރަށަށް ގެނައުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

° ތަފާތު ބާވަތުގެ ވިޔަފާރިތަކަށް އިންވެސްޓްމެން ހަބެއް:
ރާއްޖޭގެ އިގްތިސާދުގެ ލޭނާރަކީ ފަތުރުވެރިކަމަށް ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިތުރު ވިޔަފާރި އިންޑަސްޓްރީތަކަށް ވަދެ އިގްތިސާދު އިތުރަށް ފުޅާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ތިލަފުށްޓަކީ ވަރަށް މުހިންމު ރަށެކެވެ. އިންވެސްޓްމެންޓް ހަބެއް ގޮތުގައި ސިފަވަމުންދާ އެރަށަކީ އެކި ބާވަތްތަކުގެ ވިޔަފާރިތައް ކުރެވޭނެ ގޮތަށް ތަރައްޤީ ކުރަމުންދާ ރަށެކެވެ. ތިލަފުށްޓަކީ ލޮޖިސްޓިކްސް، މެނެފަކްޗަރިންގ ފަދަ ގިނަ ސިނާއަތްތައް ތަރައްޤީ ކުރުމަށް ހާއްސަ ވާނެ ރަށެކެވެ.
ތިލަފުށީ ތަރައްޤީ ކުރުމަށް އެކުލަވާލާފައިވާ މާސްޓާރޕްލޭންގެ އެންމެ މުހިންމު އެއް ކަމަކީ އެރަށުގެ މިކްސްޑް-ޔޫސް ޒޯން ތަކެވެ. މި ރަށުގެ ވޯޓަރފްރަންޓް ސަރަހައްދުތައް ތަރައްޤީ ކުރެވެމުންދަނީ ހަމަ އެކަނި މެރިޓައިމް ވިޔަފާރި އަށް ހާއްސަ ކޮށްގެނެއް ނޫނެވެ. އޭގެ އިތުރުން ތިލަފުށީގެ ވޯޓަރފްރަންޓް ތަކުން ލިބޭނެ ހިދުމަތް ތަކުގެ ތެރޭގައި، ބޯޓުފަހަރު ތަކަށް ޕްރައިވެޓް ޑޮކިން ހިދުމަތް، މެރިން ސާވިސް އަދި މެއިންޓެނަންސް ޔާޑު ފަދަ ކަންކަން ހިމެނޭނެއެވެ.
ވަށައިގެން މާރީތި ކަނޑު ފެންނަން އޮތުމުން، ތިލަފުށީގެ ބިމުގައި ފަތުރުވެރިކަމަށް އަމާޒުކޮށްވެސް ވިޔަފާރިތައް ކުރެވޭނެއެވެ. ޚާއްސަކޮށް ތިލަފުއްޓަކީ ބިންބޮޑު ރަށަކަށްވުމުން، އެ ބިމުގެ ބޭނުން ފުރިހަމަކަމާއެކީ ވިޔަފާރި ކުރިއެރުވުމަށް ބޭނުން ކުރެވިދާނެއެވެ.
ތިލަފުށި ވެގެންދާނީ ރާއްޖޭގައި އިންވެސްޓްމެންޓް ކުރުމަށް އެންމެ ރަނގަޅު އެއް ރަށަށެވެ. އެރަށަކީ ސިނާއީ ބޭނުންތަކަށް ބިން ގަނެ، ދިގު މުއްދަތަކަށް ބިން އަމިއްލަ ކުރެވޭ މަދު ތަންތަނުގެ ތެރެއިން އެއް ތަނެވެ. ތިލަފުށީގެ މާސްޓާރޕްލޭން ރޭވިފައިވަނީ ވަރަށް ވިސްނުންތެރިކަމާއެކު، އެކި ބާވަތުގެ ވިޔަފާރިތަކަށް ޖާގަ ލިބޭގޮތަށެވެ. މީގެ ތެރޭގައި ކަނޑުގެ ބޭނުންކުރަންޖެހޭ ވިޔަފާރިތައް ވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން މުދާ ރައްކާކުރުމަށާއި، ޕްރޮޑަކްޓުތައް އުފެއްދުމަށާއި، ދަތުރުފަތުރު ބެލެހެއްޓުމަށް ބޭނުންވާ ކުންފުނިތަކަށް މިއީ ވަރަށް ރަނގަޅު ފުރުސަތެކެވެ.
ހުލާސާކޮށް ދަންނަވާ ނަމަ، ތިލަފުށްޓަކީ ބިން ގަތުމަށާއި ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ވަރަށް ރަނގަޅު ތަނެކެވެ. އެއީ ބިން ބޮޑު، މުހިންމު ލޮކޭޝަނެއްގައި އޮތް ރަށެކެވެ.



