އުމުރުން 60 އަހަރުވުމަށްފަހު އެއްގަމު އުޅަނދު ދުއްވަން ވަކި ހާއްސަ ލައިސެންސެއް ނެގުމުގެ އިހުތިޔާރު ދީފިއެވެ.
މި އިސްލާހާއެކު އާންމު އުސޫލުން ލައިސަންސް ނެގުމުގެ ބަދަލުގައި ދުވަސްވީ މީހުންނަށް ލުއި ގޮތަކަށް ލައިސަންސް ނެގޭނެ އެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން 60 އަހަރުން މަތީގެ މީހުން ވަކި ހާއްސަ ލައިސަންސެއް ނެގުމުގެ އިހްތިޔާރު ވަނީ ދީފައެވެ.
އެ އިސްލާހުގައި ބުނެފައިވާގޮތުން 60 އަހަރުން މަތީގެ މީހުންނަށް އަލަށް ދޫކުރާ އެ އިހްތިޔާރީ ލައިސެންސް ދޫކުރާނީ 10 އަހަރަށެވެ.
އަދި އެ މީހުންނަށް ވެހިކަލް ދުއްވޭނީ ހަމައެކަނި އެ ލައިސެންސެއް ދޫކުރާ ރަށެއްގައި ހަމައެކަނި 30 ކިލޯމީޓަރަށް ވުރެ މަޑުން ދުއްވަންޖެހޭ މަގުތަކުގައި ކަމަށްވެސް ވަނީ ބުނެފައެވެ.
އެމީހުންނަށް އިހްތިޔާރީ ލައިސެންސް ދޭނީ 4 ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ކަމަށާއި އެ ޕްރޮގްރާމްގައި ޓްރެފިކް ގަވާއިދުތައް ކިޔައިދޭނެ ކަމަށްވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މި ލައިސެންސްގައި ދުއްވޭނީ 60 ސީސީ އިން ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕާއި އުޅަނދުތައް އެކަނި ކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ.
އެ އިސްލާހުގައި އިތުރަށް ބުނީ ގަވައިދާ ހިލާފުވެއްޖެނަމަ އެ ލައިސެންސް ބާތިލް ކުރުމުގެ އިހުތިޔާރު އޮންނާނެ ކަމަށެވެ.



