ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި އަހަރުގެ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިޢުލާންކޮށްފިއެވެ. މި ފުރުސަތު ހުޅުވާލެވިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހިންނަށެވެ.
އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ޒުވާނުން ކުރިއެރުވުމަށް ހިންގާ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި، ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުން ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.
އެގޮތުން މި އަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ހަތަރު ދާއިރާއެކެވެ. އެއީ:
° އެއްގަމު އުޅަނދުފަހަރުގެ މަރާމާތު
° ކަނޑު އުޅަނދުފަހަރުގެ އިންޖީނު މަރާމާތު
° ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްގެ ދާއިރާ
އެޗްޑީސީން ބުނި ގޮތުގައި، މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މި ދާއިރާތަކުން ލެވެލް 3 ގެ ސަނަދެއް ހާސިލުކުރެވޭނެއެވެ.
މުޅިއަކު 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. މި އަހަރުގެ ޕްރޮގްރާމްގައި 25 ބައިވެރިންނަށް ފުރުސަތު ދެވޭނެއެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީގެ ހެޑް އޮޕް މާކެޓިންގް ޑިޕާޓްމަންޓް، ހަސަން ޝަހީދު ވިދާޅުވީ، 2016 އިން ފެށިގެން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކުން މިހާރުވެސް އެޗްޑީސީ އާއި އެހެނިހެން ކުންފުނިތަކުގައި އެކި މަގާމުތަކުގައި ހިދުމަތްކުރަމުން ގެންދާ ކަމަށެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް މި ޕްރޮގްރާމްގެ ތެރެއިން ގިނަ ޒުވާނުން ތަމްރީނުކުރެވި، މަސައްކަތުގެ މާހައުލަށް ނުކުތުން“ ޝަހީދު ވިދާޅުވިއެވެ.
ތަފާތު ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާގެ މާހައުލަށް ގާބިލު ޒުވާނުން އުފެއްދުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.




