ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ގޮތުން އެ ޤައުމަށް ދެމުން އަންނަ ހަމަލާތަކާއި ލާއިންސާނީ އަމަލުތައް ހުއްޓާލަންދެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ފާސްކޮށްފިއެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މެންވަރު މީކާއިލް އެ ބިލު ހުށަހެޅުއްވީ މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހުއެވެ. ހަމައެދުވަހު އެ ބިލު މަޖިލީހުން ބަލައިގަތުމަށްފަހު، 241 ކޮމިޓީ އަށް ފޮނުވި ފަހުން، އެ ބިލް އަދިވެސް އޮތީ ކޮމިޓީ މަރުހަލާގައެވެ.
އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން އެ ބިލުގެ މަސައްކަތަށް ކޮމިޓީން މިއަދު މިކަމާ ގުޅޭގޮތުން ބައްދަލުވުމެއްް ބޭއްވުމަށްފަހު، އެ ބައްދަލުވުމުގައި ބިލު ފާސްކުރުމުގެ ކުރިން ގިނަ އިސްލާހުތަކެއް ބިލަށް ގެނެސްފައިވެއެވެ.
އެގޮތުން އެންމެ ބޮޑު އިސްލާހެއްގެ ގޮތުގައި ގެނައީ ބިލުގައި އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތް އޮތުން އުނިކުރުމެވެ.
އޭގެ ބަދަލުގައި މަނާކުރަން ހިމަނާފައިވަނީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް އެކަންޏެވެ. އެއީ އެގޮތަށް ނޫނީ އެކަން ތަންފީޒު ނުކުރެވޭނެ ކަމަށް އިމިގްރޭޝަނުން 241 ކޮމިޓީއަށް އެންގުމުންނެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމާމެދު ހުށަހަޅާފައިވާ މި ބިލަށް މިފަދައިން ބަދަލު ގެނައުމުން އިޒްރޭލު ޕާސްޕޯޓާއެކު އެހެން ގައުމުތަކުގެ ޕާސްޕޯޓު އޮންނަ ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް ރާއްޖެ އެތެރެވެވޭނެއެވެ.
ބިލު މި ގޮތަށް އިސްލާހު ކުރުމަށް ފަހު ފާސްކޮށްފައިވަނީ ސަރުކާރު ޕީއެންސީގެ މެޖޯރިޓީ އޮންނަ ކޮމިޓީގެ އިއްތިފާގުންނެވެ.




