ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ދަނީ ބޭއިންސާފުން ކަމަށް ވިދާޅުވެ މަޖިލީހަށް ހުށަހެޅުއްވި ޝަކުވާއަކާ އެކު، އެ މައްސަލަ ބެލުމަށް މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި ހުސްނުއް ސުއޫދުގެ ވެސް ސުލޫކީ މައްސަލައެއް ބަލާކަށްބުނެ، ޖޭއެސްސީން ވަނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކޮށްފައެވެ. އެކަމާ ގުޅިގެން ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ޖޭއެސްސީން ދަނީ އެއަށް ފަހު މަހާޒުގެ ދެ ސުލޫކީ މައްސަލައަކާއި އަޒްމިރަލްދާގެ ތިން ސުލޫކީ މައްސަލައެއް ބަލަމުންނެވެ. އެއީ:
° އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންތަކަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައަކާއި
° ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނެ، އެ ތަނުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވީތީ އެ މައްސަލަ ބެލުމުގެ އިތުރުން،
° ދިފާއުގައި އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމުން
އަޒްމިރަލްދާގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ބަލަމުން ދަނީ ބޭއިންސާފުން ކަމަށް ވިދާޅުވެ، ތަހުގީގު ކޮމިޓީގައި ތިއްބެވި ތިން މެންބަރުންގެ މައްސަލަ ބެލުމަށް ފަނޑިޔާރު އަޒްމިރަލްދާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިދިޔަ މަހުގެ 16ގައި ހުށަހެޅުއްވިއެވެ. އެ ތިން މެންބަރުންނަކީ ރައީސް މުހައްމަދު މުއިއްޒުގެ މެންބަރު ޔަޒްމީދު މުހައްމަދުއާއި، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހުގެ އިތުރުން ގާނޫނީ ވަކީލުން ތަމްސީލްކުރައްވާ މެންބަރު އަލީ އަބްދުއްލަތީފްއެވެ.
މައްސަލަ ބެލުމަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރެވެ. މައުރޫފުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވުމަށް ފަހު ކޮމިޓީން ކުރާނެ ކަންކަން ހުށަހެޅުއްވީ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.




