ވައްކަން ކުރި މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ އާންމު ނުކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެދިއްޖެއެވެ.
އެޗްއާރްސީއެމުން މިހެން ބުނެފައި މި ވަނީ ކ. މާފުށީ ފިހާރައަކުން ވައްކަން ކުރި މީހެެއްގެ މޫނާއި، ބޮލާއި ގަޔަށް ދަވާދު އަޅާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނާތީ އެކަމަށް އިޝާރާތްކޮށެވެ.
އެޗްއާރްސީއެމުން ”އެކްސް“ގައި ކުރި ޕޯސްޓެއްގައި ބުނީ، ވައްކަން ކުރިކަމަށް ތުހުމަތުކުރުވޭ މީހަކަށް ކ. މާފުށީގައި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް ޢާންމު ކުރަމުން ގެންދާތީ އެފަދަ ނާތަހުޒީބު ލާއިންސާނީ ޢަމަލުތައް ފެންނަ ވީޑިއޯ ޢާންމު ކުރަން ހުއްޓާލަން އެދޭ ކަމަށެވެ.
ހަމައެހެންމެ އެފަދަ ޢަމަލުތަކަށް ހިތްވަރު ލިބޭޒާތުގެ ކަންކަން ނުކުރުމަށާއި އަދި އެފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ނުހިންގުމަށް އެޗްއާރްސީއެމުން ވަނީ އެދިފައެވެ.
”މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން އެދެން އަދި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވެސް ވީހާ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އަޅަން ގޮވާލަން“ އެޗްއާރްސީއެމުން ބުނެފައި ވެއެވެ.
އެއްވެސް ފަރުދެއް އަނެކާގެ އިންސާނީ ހައްޤާއި އިންސާނީ ކަރާމާތަށް އަރައިނުގަތުމަށާއި، ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެނޫންވެސް މައްސަލަތަކުގައި ސުލްހަ މަސަލަސްކަން އިސްކުރުމަށާއި، ޤާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެހާ ފަރާތްތަކަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.



