ކީރިތި ޤުރުއާނާ ގާތްވުމަށްޓަކާ ޤުރްއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަން ކުރަން ސަމާލުކަން ދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ ތާޖުއްދީން ސްކޫލް ހޯލުގައި މިރޭ އޮތް އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުޢާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ރީތިކަމާއި ފުރިހަމަކަން ކީރިތި ޤުރުއާނުގެ އިރުޝާދުގެ އަލީގައި ލިބިގަތުމަށް ބާރުއަޅުއްވާފައެވެ.
މި ފަދައިން އަމަލުތައް ބެހެއްޓުމުން ދިރިއުޅުމަށާއި މުޅި މި ޤައުމަށް ހެޔޮބަދަލު އަންނާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޤުރްއާން ކިޔެވުމުގެ މުބާރާތްތައް ރާއްޖޭގައި އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއް ކަމަށާއި، އެއީ ހެޔޮ ބަދަލެއްކަމުގައި މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މެޑްމް ސާޖިދާ ވަނީ އީގަލްސް ކޮމިއުނިޓީއިން އިޖުތިމާޢީ ކަންކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ އެފަދަ މަސައްކަތްތައް ކުރުމަށް ބާރުއަޅުއްވާފައެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ މުޖުތަމަޢުގެ ކަންކަން ކުރިއެރުވުމަށް ފަރުދީ ޒިންމާ އަދާކުރެއްވުމަށްވެސް ބާރުއަޅުއްވާފައެވެ.
އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުޢާން މުބާރާތް ބާއްވާފައި ވަނީ ނިމިގެންދިޔަ ރަމަޟާންމަހު ތާޖުއްދީން ސުކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެންނެވެ.
މި މުބާރާތުގައި ޖުމްލަ 174 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި މުބާރާތް ކުރިއަށްގެންގޮސްފައި ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހާސިލްކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި އީގަލްސް ކޮމިއުނިޓީގެ ފަރާތުން ވަނީ އިޖުތިމާޢީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.
ހަމައެހެންމެ ކުރިއަށް އޮތް ދުވަސްތަކުގައި ބަލައިގެން ކިޔެވުމަށާއި ނުބަލައި ކިޔެވުމަށް އަދި ޙާފިޒުންނަށް ޚާއްސަކޮށް މި އަހަރަށްވުރެ ފުޅާދާއިރާއެއްގައި އިތުރު ޤުރުއާން މުބާރާތެއް ބޭއްވުމަށް މަސައްކަތްކުރައްވާނެކަން އީގަލްސް ކޮމިއުނިޓީން ފާހަގަކުރައްވާފައިވެއެވެ.




