މުލަކު އަތޮޅު މުލަކުގައި ތަރައްޤީކުރި ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިފިއެވެ.
މ. މުލަކު ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވާފައި ވަނީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އެވެ.
ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނީ މުލަކު ފުޓްބޯޅަ ދަނޑު ތަަރައްޤީކޮށްފައި ވަނީ އަހަރެއްހާ ދުވަހުގެ މުއްދަތެއްގެ ތެރޭގައި އަމީން ކޮސްޓްރަކްޝަނާ ހަވާލުކޮށްގެން ކަމަށެވެ.
މުލަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކުރިން ކޮށްފައިހުރި ނަމަވެސް، އޭގެ ފަހުން ޓާފް އެޅުން ލަސްވެ ދަނޑުގައި ވިނަ ހެދި ސަބްބޭސް ރަނގަޅު ކުރަން ޖެހުނު ކަމަށާއި ސަބްބޭސް ރަނގަޅުކޮށް ކާނުތަކަށް ބޭނުންވާ މަރާމާތުތައް ގެނެސް ޓާފް އެޅުމުގެ މަސައްކަތްވެސް ފުރިހަމަކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ މުލަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ރަނގަޅުކުރުމަށް ދެ ލައްކަ ފަސްދޮޅަސް ހަތް ހާސް ރުފިޔާ ހޭދަވި ކަމަށާއި ދަނޑުގައި ޓާފް އެޅުމަށް 4.9 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށެވެ.
މުލަކު ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވުމަށް ޚާއްސަ ފުޓްބޯޅަ މެޗެއް ވެސް ވަނީ ކުޅެފައެވެ. މި މެޗުގައި ކުޅެފައި ވަނީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި މުލަކުގެ ޓީމެކެވެ.
މުލަކު ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ އިތުރުން ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ނިޔާޒް އަދި މުލަކު ކައުންސިލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



