އއ. ރަސްދޫގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަލީ ސާމިން (31އ.) ގެ ހަށިގަނޑު ރާއްޖެ ނުގެނެސް، އިންޑިއާގައި ވަޅުލާން ނިންމައިފިއެވެ.
ސާމިން ނިޔާވެފައިވަނީ އިންޑިއާގައި އިތުރަށް ފަރުވާ ދެމުން ދަނިކޮށް މިމަހުގެ 14 ވީ ހޯމަ ދުވަހުގެ ރެއެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ޖަނާޒާ ލަސްވީ، މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމާ މެދު ވަކި ގޮތެއް ނުނިމިގެންނެވެ. ނަމަވެސް އޭނާ ވަޅުލަން މިހާރު ނިންމާފައުވަނީ ޕޯސްޓްމޯޓަމް ނުހަދައެވެ.
ސާމިންގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު އިންޑިއާގައެވެ.
މިހާދިސާގައި ފިހިފައިވަނީ ސާމިންގެ އިތުރުން އޭނާގެ އަންހެނުން އާއިޝަތު ރިފްގާ (31އ.) އެވެ. ރިފްގާ ވަނީ މިހާދިސާގެ ސަބަބުން ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 31 ގައި ނިޔާވެފައެވެ.
އަލިފާނުގެ ހާދިސާގައި ސާމިންގެ ހަށިގަނޑުގެ %78 ވަނީ ފިހިފައެވެ. އެހެންކަމުން އޭނާއަށް މީގެކުރިން ފަރުވާ ދީފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދީފައެވެ.
އާއިލާގެ ފަރާތުން އެނގިފައިވާ ގޮތުގައި ސާމިން އައިސީޔޫ އިން ނެރުނީ މިމަހުގެ 4 ގައެވެ. އަދި އިތުރުފަރުވާއަށް އިންޑިއާއަށް ގެންގޮސްފައިވަނީ މިމަހުގެ 7ވަނަ ދުވަހުގައެވެ.
ވެންޓިލޭޓަރުން ނެގިނަމަވެސް ސާމިންގެ ހާލު ސީރިއަސް ކަމަށް އޭނާގެ އާއިލާއިން ވަނީ މީގެކުރިން ބުނެފައެވެ.
އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ ސާމިންއާއި ރިފްގާގެ ކޮޓަރި ތެރޭގައެވެ. އެދެމަފިރިންގެ 5 އަހަރުގެ އަންހެން ދަރިއަކު ވެސް ހުންނަ ކަމަށާއި ނަމަވެސް ހާދިސާ ހިނގި ވަގުތު އެކުއްޖާ ކޮޓަރީގައި ނެތްކަމަށް ވެސް މައުލޫމާތު ލިބެއެވެ.



