ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ކޮންފަރެންސަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން، މިއަދު ރަސްމީ ދަތުރުފުޅެއްގައި ޤަތަރަށް ފުރާވަޑައިގެންފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި ދަތުރުފުޅަކީ ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ޖަމްޢިއްޔާ (އައިކާއޯ) އިން އިންތިޒާމްކޮށްގެން ބާއްވާ 2025 ވަނަ އަހަރުގެ ފެސިލިޓޭޝަން ކޮންފަރެންސްގެ މިނިސްޓީރިއަލް ސެގްމެންޓުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އަމީން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ކޮންފަރެންސް ކުރިއަށްދާނީ ޤަތަރުގެ ވެރިރަށް ދޯހާގައި މި މަހުގެ 14 އިން 17 އަށެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި ކޮންފަރެންސްގެ މިނިސްޓީރިއަލް ސެގްމެންޓް އޮންނާނީ އޭޕްރީލް 17 ވަނަ ދުވަހު ކަމަށެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އެންމެ ރަނގަޅު ފެންވަރެއްގައި އެއް ހަމައަކުން ފޯރުކޮށްދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.
އަދި ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑައެޅުމަށް މަގުފަހިކުރާނެ ނިންމުންތަކަކަށް ވާސިލްވުންވެސް ހިމެނެއެވެ.
މީގެ އިތުރުން މި ކޮންފަރެންސްގައި ”ދޯހާ ޑެކްލަރޭޝަން އޮން ފެސިލިޓޭޝަން އޮފް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް 2025“ ގެ ނަމުގައި ޤަރާރެއް ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޤަރާރަކީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ސިނާޢަތު އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް އެކުލަވާލެވޭ ޤަރާރެކެވެ.
އެގޮތުން ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންހިފައިގެން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމާއި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ އިތުރުން ދަތުރުވެރިންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅާނެއެވެ.
މި ކޮންފަރެންސްގައި އައިކާއޯގެ މެންބަރު ޤައުމުތަކުގެ ވައިގެ ދަތުރުފަތުރާބެހޭ ވަޒީރުންގެ މެދުގައި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ.



