ދުންފަތް ކޮންޓްރޯލް ކުރަން ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރުން ހަރުދަނާ ކުރަން މަޝްވަރާކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ވަކިން ސިގިރޭޓް ވިއްކުމާއި ސިގިރޭޓް ބުއިމަށް ހުއްދަ ނެތް ތަންތަނުގައި ސިގިރޭޓް ބުއިމުގެ ކަންކަން ހުއްޓުމަށް ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރުމުގެ ކަންކަން ވަރުގަދަ ކުރުމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް އަދި މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން މި ބައްދަލުވުމުގައި ތަންފީޒީ އިދާރާތައް ކަމަށްވާ، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ޤާނޫނު ތަންފީޒުކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ކަންތަތައްތަކެއް ކުރުމަށް މަޝްވަރަކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު އަދި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާވެސް ބައިވެރިވަޑައިގެންފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ވަނީ ވަކިން ސިގިރޭޓް ވިއްކުމާއި، ހުއްދަ ނުދޭ ކެފޭ ރެސްޓޯރަންޓް ތަންތަނުގައި ސިގިރޭޓް/ ޝީޝާ ބުއިމާއި ވޭޕް ބޭނުން ކުރުން ފަދަ ކަންކަން ހުއްޓުވުމަށް ކަމާއި ގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައި ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ހުރިހާ ފަރާތްތަކުން ވަނީ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައި ކަމަށެވެ.



