މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ”ގްރީން އެއަރޕޯޓް“ އިނީޝިއޭޓިވްގެ ދަށުން، އެ ކުންފުނީގެ މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރިކުރުވުމަށްޓަކައި ސިލްސިލާ އެވެއާނަސް ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި ގުޅިގެން ކުރިޔަށްގެންދާ މި ޕްރޮގްރާމްއަކީ އެމް.އޭ.ސީ.އެލް ގެ ސަސްޓެއިނަބިލިޓީ ލަނޑުދަނޑިތަކަށް ވާސިލްވުމުގެ އަމާޒުގައި މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.
އިންޓަނޭޝަނަލް ޑޭ އޮފް ޒީރޯ ވޭސްޓްގެ މުނާސަބަތުގައި މިއަދު ބޭއްވި ސެޝަން ހާއްސަކޮށްފައިވަނީ ”ޕާސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް (ޕޮޕްސް) އެންޑް ހެޒަޑަރަސް ވޭސްޓް“ ގެ މައުޟޫއަށެވެ. މި ސެޝަންގައި ނުރައްކާތެރި ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި އެފަދަ ކުނި މެނޭޖްކުރާނެ ގޮތްތަކާބެހޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
މި ސެޝަން ނަންގަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ތަޖުރިބާކާރުންނެވެ. އެބޭފުޅުން ވަނީ ތިމާވެށި ހިމާޔަތްކުރުމުގައި ކުންފުނިތަކުގެ ދައުރާއި، ނުރައްކާތެރި ކުނި ނައްތާލުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އެމް.އޭ.ސީ.އެލް ”ގްރީން އެއަރޕޯޓް“ އިނީޝިއޭޓިވްގެ ދަށުން ހަކަތައާއި ތިމާވެއްޓާއި ގުޅުންހުރި ކަންކަން ސަސްޓެއިނަބަލް ގޮތެއްގައި ހިންގުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށް ދާނެއެވެ.




