ޔަހޫދީ ނުބައި އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ނިރުބަވެރި ހަމަލާތަކުގައި، ޣައްޒާއިން 500،000 އަށްވުރެ ގިނަ ރައްޔިތުން ގަދަކަމުން ބޭރުކޮށްފިއެވެ.
އަލްޖަޒީރާގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އިއްޔެގެ އިރާކޮޅު އިޒްރޭލުން ދިން ހަމަލާގައިވެސް ޣައްޒާއިން 35 މީހުން ޝަހީދުވެފައިވެއެވެ.
ހުއްޓުމެއްނެތި ދިގު 15 މަސް ދުވަހު ދިން ހަމަލާތަކަށްފަހު، ހަމާސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށް ހަނގުރާމަ ހުއްޓާލީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅެވެ.
ނަމަވެސް މިދިޔަ މަހުގެ 2 ވަނަ ދުވަހު އިޒްރޭލުން ވަނީ، ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް އެ އެއްބަސްވުމުގައި އޮތް ޝަރުތާ ޚިލާފުވެ، ޣައްޒާއަށް އަނެއްކާވެސް ނިރުބަވެރި ހަމަލާތައް ދޭން ފަށާފައެވެ.
އ.ދ ގެ ރިޕޯޓުތަކުން ބުނާގޮތުގައި ހަމަލާތައް އަނެއްކާވެސް ދޭން ފެށިފަހުން، އިޒްރޭލުން މިހާތަނަށް ވަނީ ޣައްޒާގެ 500،000 އަށްވުރެ ގިނަ ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ތަންތަނަށް ހިޖުރަ ކުރުމަށް މަޖުބޫރުކޮށްފައެވެ.
މީގެއިތުރުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ސާމާނާއި ކާބޯތަކެތިވެސް އެ ޤައުމަށް އެތެރެކުރުވިޔަ ނުދީ ހުއްޓުވާފައެވެ. އަދި މިހާރު ޣައްޒާގައި ހުރީ އެއް މަސްދުވަހަށް ބޭނުން ކުރެވޭވަރުގެ ކާބޯތަކެތި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.



