މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިކަމާބެހޭ ގޮތުން އެ މިނިސްޓްރީން ބުނީ މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ލިބިފައިވާތީ، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށާއި މި މުބާރާތް އޮންނާނީ މިއަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން މިހާރު ދަނީ ދޫކުރަމުންނެވެ.
މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠުތައް:
* ހިޖުރީ ގޮތުން އުމުރުން 10 އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތަކަށްވުން
* ދިވެހި ރައްޔިތަކަށްވުން
* ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުން
* ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުން
މިމުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއެކު ޤުރްއާނުގެ 7 ވަނަ ފޮތާއި 8 ވަނަ ފޮތުން ކަނޑައެޅޭ އާޔަތްތަކެއްގެ ތަފްސީރުކިޔުމުގެ ބަޔާއި، ވިދިވިދިގެން ޤުރްއާނުގެ 5 ޙިޒްބު (2 ފޮތް ބައި) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ބައެވެ. މީގެ ތެރެއިން މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއެކު ޤުރްއާނުގެ 7 ވަނަ ފޮތާއި 8 ވަނަ ފޮތުން ކަނޑައެޅޭ އާޔަތްތަކެއްގެ ތަފްސީރުކިޔުމުގެ ގޮފީގައި ބައިވެރިވެވޭނީ ރަނގަޅަށް ޢަރަބި ބަހުން މުޢާމަލާތުކުރަން އެނގޭ، ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ އަދި ރަނގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތްތަކަށެވެ.



