ހުޅުމާލޭގައި ބިނާކުރެވޭ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުވާނޭހެން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތްތައް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އަޅަން އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ، ހުޅުމާލޭގެ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުވާނޭހެން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތްތައް އެޗްޑީސީން ފަށާފައިވާކަން ފާހަގަ ކުރައްވާ، އެކަމަށްޓަކައި އެ ކޯޕަރޭޝަންގެ އިސްވެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.
އިއްޔެ އެޗްޑީސީއާއި އިސްލާމިކް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި، ހުޅުމާލޭގެ އެކިއެކި ކޮމާޝަލް އޭރިއާތަކާއި، ކޮމާޝަލް ބިލްޑިންގްތަކާއި މީހުން ދިރިއުޅޭ ބޮޑެތި ބިލްޑިންގްތަކުގެ އިތުރުން ލަގްޒަރީ އެޕާޓްމަންޓުތަކުގައި ވެސް ނަމާދު ކުރާނެ ތަނެއް ހުރުން ފަހިކޮށްދީފަ ހުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
މިފަދައިން ނަމާދުކުރާނެ ތަނެއް ހުރުމަކީ ބޭރުގެ އެކިއެކި އިސްލާމީ ޤައުމުތަކުގައި ވެސް މޯލްތަކާއި ބިލްޑިންގް ތަކުގައި ގާއިމްކޮށްފައި ހުންނަ ތަނެއްކަން ފާހަގަ ކޮށްލެވެއެވެ.



