މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށްޓަކައި މި ސަރުކާރުން ފައްޓަވާފައިވާ ގިނަ މަސައްކަތްތަކެއް މިއަހަރާއި އަންނަ އަހަރު ތެރޭ ނިމި، ޢަމަލީ ގޮތުން އޭގެ ފައިދާ ކުރަންފަށާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މި ޚަބަރު ދެއްވާފައިވަނީ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގެ ހަތަރު ވަނަ އެޕިސޯޑުގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މަހާއި މަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމަށް، ނުވަތަ ވެލިއު އެޑްކުރުމަށް ގިނަ މަޝްރޫޢުތަކެއް ފައްޓަވާފައިވާކަމަށެވެ. އެގޮތުން، މި ދައުރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ކަޅުބިލަމަސް ރައްކާކުރުމުގެ ޤާބިލުކަން، މިހާރު ހުރި 8500 ޓަނުން އިތުރުކުރުމަށް ފައްޓަވާފައިވާ މަޝްރޫޢު، ބާރު ދުވެލީގައި ނިމި، ފަންސަވީސް ހާސް ޓަނާ ހަމައަށް އިތުރުކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމަ މި މުއްދަތުގެ ތެރޭގައި ޕްރޮސެސިންގ ކެޕޭސިޓީ، މިހާރު ހުރި 115 ޓަނުން 355 ޓަނާ ހަމައަށް އިތުރުކުރެވޭނޭކަމަށްވެސް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ. އަދި މި މަޝްރޫޢުތަކަކީ ކަންބޮޑުވުމެއް ނެތި ކުރިއަށްދާނޭ މިންވަރަށް އިންތިޒާމުތައް ހަމަޖެހިފައިހުރި މަޝްރޫޢުތަކެއްކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވާފައިވެއެވެ.
މިއަދުގެ އެޕިސޯޑުގައި އެމަނިކުފާނު ވަނީ، ތެލާއި އައިސް ލިބުމުގައި މަސްވެރިންނަށް ކުރިމަތިވާ އުނދަގޫތަކަށް ލުއިކަމެއް ހޯއްދަވައިދެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ޢުމްރާނީ ތަރައްޤީގެ ގޮތުން ކަމުގައިވިޔަސް އަދި ވަޞީލަތް ޤާއިމުކުރެއްވުމުގެ ގޮތުންކަމުގައިވިޔަސް، މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރެއްވުމަށް ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަންކަން ކުރައްވަނީ، މަސްވެރިންގެ އަޑު ގާތުން އައްސަވައިގެން، ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، މިއަހަރު ނިމެން ވާއިރަށް ކޮންމެ އަތޮޅެއްގައި، ކަނޑައެޅިފައިވާ ރަށަކުން، އެސް.ޓީ.އޯ ރޭޓުން ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކި ރަށްރަށުގައި ފަށާފައިވާ އައިސް ޕްލާންޓްތަކުގެ މަސައްކަތްތަކާއި، ކޯލްޑް ސްޓޯރޭޖް އަދި ޕްރޮސެސިންގ ފެސިލިޓީތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމުގެ މަޢުލޫމާތު އެމަނިކުފާނު ހާމަކުރެއްވިއެވެ. އާރް.އެސް.ޑަބްލިއު ނިޒާމުތަކަކީ މަސްވެރިކަމުގެ މުސްތަޤުބަލުގެ ގޮތުގައި ސިފަކުރައްވަމުން އެމަނިކުފާނު ވަނީ، އެކަމަށް ބޭނުންވާ އިތުރު ލޯނުތައް ދޫކުރެއްވުމަށް ހަމަޖެހިފައިވާކަންވެސް ހާމަކުރައްވާފައެވެ.
ޕޮޑްކާސްޓުގައި އެމަނިކުފާނު ވަނީ، ދައުރުގެ ނިމިދިޔަ ދުވަސްތަކުގައި މަސްވެރިންނަށް ފައިސާ ލިބޭނޭ ދެމެހެއްޓެނިވި އިންތިޒާމެއް ހަމަޖެއްސެވުމަށް ކުރެއްވި މަސައްކަތަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، 48 ގަޑިއިރު ތެރޭ ފައިސާ ދެވޭ ގޮތަށް ކުރެއްވި އިންތިޒާމުގެ ނަތީޖާއެއްގެ ގޮތުން، ކުރީގައި ދޯނިން ފޭބި ޒުވާނުން އަލުން މަސްވެރިކަމާ ގުޅިފައިވާކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ. ޤަވާއިދުން ފައިސާ ލިބޭނޭ ކަމުގެ އިތުބާރު ޒުވާނުންނަށް ލިބުމުން، ދިވެހި މަސްދޯނިތަކުގައި މަސައްކަތްކުރަނީ ދިވެހިން ކަމުގައި ހެދުމަށް ހިއްޕަވާފައިވާ އަމާޒަށް ވާޞިލުވުމުގެ މަގުވެސް ތަނަވަސްވެގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުންފެށިގެން މިއަދާ ހަމައަށް، އެންމެ ދުވަހެއްވެސް ވައްޓާނުލައި މަސްވެރިންނަށް ފައިސާ ދެވެމުންދާކަމަށާއި، މި މުއްދަތުގެ ތެރޭގައި 470 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކުރައްވާފައިވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



