ނައިފަރުގައި އަމިއްލަ ފަރާތަކުން ހިންގާ ޤުރުއާން ކްލާހެެއް ތަރައްޤީކުރަން އިސްލާމިކް މިނިސްޓްރީއާއެކު ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ގިނަ ޙާފިޒުންތަކެއް ގްރެޖުއޭޓްވި ޅ. ނައިފަރުގައި އަމިއްލަ ފަރާތަކުން ހިންގާ ޤުރުއާން ކްލާސް ތަރައްޤީކުރުމަށް މިއަދު އެ މިނިސްޓްރީއާއެކު އެގްރީމެންޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުުމުގެ ދަށުން އެތަނުގައި ކްލާސް އިތުރުކުރުމާއި ވަސީލަތްތައް ޤާއިމުކުރާނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އަމާޒަކީ ކުރިއަށް އޮތް 7 މަސްތެރޭގައި މި މަސައްކަތުގެ އަމަލީ މަސައްކަތް ނިންމުން ކަމަށެވެ.
މީގެ އިތުރުން މިކަމަށް ޚަރަދު ކުރަނީ މިނިސްޓްރީގެ އިސްލާމިކް ވަޤުފު ފަންޑުން ކަމަށާއި އަންނަ ރޯދަ މަހު 27 ވިލޭރެއަށް މިތަނުން 8 ދަރިވަރުން ހިފްޒުކޮށް ނިންމާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މީގެ ކުރިން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގިނަ ކުދިންތަކެއް ޤުރުއާން ހިތުދަސްކުރި، ޅ. ނައިފަރުގެ ޤުރުއާން ލާނިންގ ސެންޓަރ ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދިފައިވާތީވެ، މިނިސްޓްރީގެ އިސްލާމީ ވަޤުފު ފަންޑުން އެހީ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.
މިގޮތުން މި އަހަރު ބޭއްވި ހާފިޒުންގެ ދަސްވެނިވުުމުގައި އެ ސެންޓަރުގެ 5 ދަރިވަރަކު ވަނީ ޤުރުއާން ހިތުދަސްކޮށް ސަނަދު ހާސިލްކޮށްފައެވެ.


