ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ސައިޓް އިންްސްޕެކްޓް ކުރަން ފަށައިފިއެވެ.
އާރްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި މިރޭ ބުނީ ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ އެ ކޯޕަރޭޝަނާއެކު ސައިޓް އިންްސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމަށް ސަރުކާރުގެ ފަރާތުން އާރުޑީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 25 ވަނަ ދުވަހުއެވެ.
ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރ އާދަމް ނަސީރު ވިދާޅުވީ އެ މިނިސްޓްރީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށެއްގައިވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫޙެއް އަށަގެންނެވުމަކީ ވަރަށް އިސްކަންދެއްވާނެ ކަމެއްކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާނު ކުރައްވާފައިވާ ޣާޒީ ބަންޑާރައިންގެ އާސާރުތަކުގެ އަސްލު ނުގެއްލޭ ގޮތަށް ހިމާޔަތްކުރުމަށާއި، މާއްދީ އެހެން ތަރިކަތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ހއ. އުތީމު ތަކަންދޫ ބާރަށް ހިމެނޭހެން ތަރައްޤީކުރެވޭ މަޝްރޫޢަކީ ރާއްޖޭގައި ތަރިކައިގެ ދާއިރާއިން މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުގައި ހުރި އާސާރީ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ޚާއްސަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.




