ހަތަރު ރަށެއްގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކޮށްފިއެވެ.
އާރްޑީސީން މިރޭ ކުރި ޕޯސްޓެއްގައި ބުނީ ލ. ގަމުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެދަށުން ފާލަން މަގުގައި ސްޓޯމް ވޯޓާ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.
”ހއ. ދިއްދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ޣާޒީ މަގުގައި މަގު ކޮނުމާއި ބެކް ފިލިންގެ މަސައްކަތް އަދި އުންމީދީ ހިނގުމުގައި ކާރބް ސްޓޯން ޗެމްފަރ ޖެހުމުގެ މަސައްކަތް ކުރެވުނު“ އާރްޑީސީން ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.
އަދި ގއ. ވިިލިނގިލީ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މޫސާ މަގުގައި ކޯނާ ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އާރްޑީސީން ހާމަކުރެއެވެ.
މީގެ އިތުރުން އާރްޑީސީން ކުރި ޕޯސްޓުގައި ބުނީ އެ ކޯޕަރޭޝަނުގެ އިޖުތިމާއީ ޒިންމާގެ ދަށުން ހއ. އިހަވަންދޫގެ ”ކާފަ މާމަ މައިޒާން“ ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ކޮންކްރީޓް ކީ ވޯލް އެޅުމާއި، ދުވާރުގެ މަސައްކަތް އަދި އެ ސަރަޙައްދު ސާފުކޮށް ލެވެލްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިހަވަންދޫގެ ”ކާފަ މާމަ މައިޒާން“ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަޕްޑޭޓް އާރްޑީސީން ދީފައި ވާއިރު، އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެ ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ. އާރްޑީސީން ބުނީ އިހަވަންދޫ މަގުހެދުމުގެ މަޝްރޫޢުގެ %40 މިހާރު ނިމިފައިވާ ކަމަށެވެ.




