”އުމުރަކީ ހަމައެކަނި ނަންބަރުތަކެކޭ“ މީހުން ބުނާތީ އަޑުއަހަމެވެ. ތިމާއަށްވުރެ އުމުރުން މާބޮޑަށް ދޮށީ ފިރިހެނަކާ ނުވަތަ އަންހެނަކާ އެކީގައިވެސް އުޅުމަކީ ހަގީގަތުގައި މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައަކަށްވަނީ، ދޮގު ހަދައި އޮޅުވާލުމެވެ.
ރެޑިޓްގައި ބޭރުގެ ފިރިހެނަކު މިވަނީ އޭނާއަށް ކުރިމަތިވީ މިފަދަ އޮޅުވާލުމެއްގެ ވާހަކަ ހިއްސާ ކޮށްފައެވެ. އުމުރުން އެންމެ 26 އަހަރުގެ އެ ފިރިހެން މީހާ ބުނީ، އޭނާގެ ލޯބިވެރިޔާގެ އުމުރުން 48 އަހަރުކަން އެނގުނީ، އެކުގައި އުޅޭތާ ހަތަރަ އަހަރު ފަހުން ކަމަށާއި، އެހުރިހާ ދުވަހު އޭނާއަށް އެ އަންހެން މީހާ އުޅުނީ އުމުރު އޮޅުވާލައިގެން ކަމަށެވެ.
އޭނާ ބުނެފައިވަނީ އޭނާގެ ލޯބިވެރިޔާގެ އުމުރުން 27 އަހަރު ކަމަށް އެ އަންހެން މީހާ ބުނި ކަމަށެވެ. އަދި ލޯބިވެރިޔާ އުފަންވީ 1998 ގައި ކަމަށް ބުނި ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް ހަގީގަތް އެ ފިރިހެން މީހާއަށް އެނގުނީ، އަންހެން މީހާގެ ލެޕްޓޮޕުން މަސައްކަތެއް ކުރަނިކޮށް އެ އަންހެން މީހާގެ ޕާސްޕޯޓުގެ ފޮޓޯއެއް ފެނުމުންނެވެ. އޭގެން އޭނާ އުފަންވީ އަހަރު ކަމަށް ފެންނަން އިނީ 1977 ވަނަ އަހަރުގެ އޭޕްރިލް މަހެވެ.
މިކަމުގެ ސަބަބުން އަންހެން މީހާއާ އޭގެ ފަހުން ވާހަކަ ނުދައްކާ ކަމުގައި އެ ފިރިހެން މީހާ ބުނެފައިވެއެވެ. އޭނާ ބުނީ، ލޯބިވެރިޔާ ހުންނަ ގޮތުން 48 އަހަރުގެ އަންހެނެއްހެން ހީނުވާ ކަމަށާއި މިއީ މިހާތަނަށް އޭނާ އުޅުނު އެންމެ ގިނަ ދުވަސްވީ ގުޅުން ކަމަށެވެ. އެހެންކަމުން އާންމުންގެ ހިޔާލަށް އޭނާ އެދިފައިވެއެވެ.
ބައެއް މީހުން އޭނާ ކައިރީގައި ބުނެފައިވަނީ އަންހެން މީހާ ދޮގު ހަދާފައިވާތީ އޭނާ ދޫކޮށްލުމަށެވެ. ނަމަވެސް، އޭނާއަށް ވާހަކަ ދެއްކުމުގެ ފުރުސަތެއްދީ، އޭގެ ފަހުން ގޮތެއް ނިންމުމަށް ވެސް ބައެއް މީހުން ހިޔާލުދީފައިވެއެވެ.




