ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ފަގީރުންނަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވަޒީފާ ދޭން އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުން އެކުލަވާލާ ފަހުމުނާމާއެއްގައި ސޮއި ކޮށްފައި ވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދުއެވެ.
ވެމްކޯ އިން ބުނީ މިއީ ”ޙާލު ކިހިނެއް“ ޕްރޮގްރާމްގެ ދަށުން ފާހަގަ ކުރެވޭ، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އިޤްތިސާދީ ގޮތުން ނިކަމެތި ޙާލަތުގައި ދިރިއުޅޭ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދީ ވަޒީފާގެ ފުރުސަތުތައް ހޯދާދިނުމަށް ސޮއިކުރި ފަހުމުނާމާއެއް ކަމަށެވެ.
އެގޮތުން މި ފަހުމުނާމާގެ ދަށުން ކުރިއަށް އޮތް އަހަރު ތެރޭގައި މަދުވެގެން 50 ފަރާތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދޭނެއެވެ.
އެ ފަރާތްތަކަށް ވަޒީފާ ދިނުމުގައި ބަލާނީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި، އެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރަށެވެ.
މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ”ހާލު ކިހިނެއް“ ޕްރޮގްރާމްގެ ދަށުން ދެނެގަނެވޭ ފަޤީރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ވެމްކޯއިން ވަޒީފާ ހޯދައިދޭނެއެވެ.
މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީގެ އިސްވެރިންނާއި ވެމްކޯގެ އިސްވެރިން ބައިވެރިވެފައި ވެއެވެ.




