މަޖީދިއްޔާ ސްކޫލްގެ ”ފަޚުރުވެރި ހިޔަލުން“ މި ޤައުމަށް ގެނުވި ކުރިއެރުމާއި، ”މަޖީދިއްޔަ ނޫރުން“ މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މަޖީދިއްޔާ ސްކޫލްގެ 98ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވަމުން މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ”ނިޒާމީ ތަޢުލީމުގެ އުނގު“ ކަމަށާއި މި ޤައުމުގެ އެންމެ ޝަރަފްވެރި ”ޢިލްމީ ބަގީޗާ“ ކަމުގައެވެ. އަދި މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީޚުގަައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ދިވެހިރާއްޖޭގެ ތަޢުލީމުގެ އެންމެ ނަންހުރި ބިނާއަށް 98 އަހަރު ފުރޭ މި ތާރީޚީ މުނާސަބާގެ ހެޔޮއެދުންތައް ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށް، ބެލެނިވެރީންނަށް، މުދައްރިސުންނަށް، ހިންގުންތެރީންނަށް، ޚިދުމަތްތެރީންނަށް އަރިސްކުރަނީ ހިތުގެ ފުންމިނުގެ ލޯތްބާއި، ހެޔޮ ދުޢާތަކާ އެކު“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލައްވާފައިވަނީ، މަޖީދިއްޔާ ސްކޫލްގެ ލަވައިގެ ތަންކޮޅަކުންނެވެ.
”މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ
މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރާ
ފުރާށޭ ދަރީން ހިތް ޢުލޫމުން މިތާ
ކުރާށޭ ފިދާ ޖާނު ވަޠަނަށްޓަކައި
މި މަތިވެރި ޢިލްމީ ޢިމާރާތްތަކަށް
އެދޭނީ ޙަޔާތާ އުޖާލާ ކަމަށް“



