ރާއްޖޭގައި މެޑިކަލް ޓުއަރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ޕްރޮޕޯސަލްތައް ލިބެމުންދާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނާޒިމް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ރޭގައިނގެނެސްދިން ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ބައިވެރިވެ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިސަރުކާރުން ދަނީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މެޑިކަލް ޓުއަރިޒަމް ހިމެނުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖެ އަންނަ ބައެއް ފޮރިން އިންވެސްޓަރުން ރާއްޖޭގައި މެޑިކަލް ޓޫރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމުގެ ޝައުވެރިކަން ފާޅުކުރަމުންދާކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން ޕްރޮޕޯސަލްވެސް ހުށައަޅަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން ރިސޯޓެއްގައި ހޮސްޕިޓަލަކާއި ޓްރީޓްމަންޓު ދެވޭނެ ޚިދުމަތާއި އަދި މީހުން ތަމްރީނުދެވޭނެ ކޮލެޖަކާއިއެކު ތަރައްޤީކުރުމަށްވެސް ބައެއް ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންމުންދާކަމަށާއި، އެހެންކަމުން އުޞޫލުތަކުގެ ތެރެއިން އިކޮނޮމިކް ކައުންސިލަށް ހުށައަޅައިގެން އެކަން ކުރިއަށް ގެންދަވާނެކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
”އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް ރަނގަޅުކަމެއް. އަޅުގަނޑުމެން މި ދަނީ އެކްސްޕްލޯވެސް ކުރަމުން . އެކަން އެގޮތައް ކުރެވިއްޖެ ނަމަ ހިނގައިމުކަމަށް ވާނެ“ މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ތެރެއިން މެޑިކަލް ޓޫރިޒަމްގެ ދާއިރާ ފުޅާ ދާއިރާއެއްގައި ކުރިއެރުވޭ މަންޒަރު ދެކެން ބޭނުންވާ ކަމަށެވެ.




