ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް މާތް الله ދެއްވާ އެއްޗެއް ކަމަށާއި އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫންކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް، އިދިކޮޅު ޕީއެންއެފްއިން ދެއްކި ވާހަކަތަކަށް ރައްދުދެއްވައިފިއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން ހިންގަވާ ޕީއެންއެފްގެ ޖަލްސާއެއްގައި، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދާއި އެ ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ނިސްބަތްކޮށް ހުތުރު ބަސްތަކުން ފާޑުކިޔާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯގައި ދައްކާފައިވާ ވާހަކަތައް ކުށްވެރިކޮށް، ގިނަ ބަޔަކު ވަނީ އެކަން ކުށްވެރިވެސް ކޮށްފައެވެ.
އެކަމާ ގުޅިގެން މިނިސްޓަރ ޝިޔާމް ”އެކްސް“ ގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ވިޔަސް ދައްކަން ހެޔޮ ނުވާނެ ވާހަކަތައް ހުންނާނެ ކަމަށެވެ.
”ކަންމަތިން މައިކެއް އަތުޖެހުނަސް ތިމާގެ ހޭބުއްދިފިލާ ދުނިޔެރަންވެފަ މިތިބެނީ.“ މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ، ފިއްތާލައްވާފަވިޔަސް ކޮންމެރެޔަކު އަވަހާރަފުޅު ލައްޕަވާއިރު 2023 ގައި ރައްޔިތުން އިންތިޚާބުކުރެއްވި ވެރިޔަކީ ޑރ. މުޢިއްޒޭ ހިތްޕުޅަށް ގެންނެވީމަ ބޮޑުތަނުން ރަނގަޅުވާނެ ކަމަށެވެ.
”ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް الله سبحانه وتعالى ދެއްވާ އެއްޗެއް. އަދި އަޅުގަނޑުމެން އުނގެނި ޤަބޫލުކޮށްގެން މިތިބީހެޔޮ ޢަމަލު ކުރުންމަތީ ދެމި ތިބޭބަޔަކަށް ސުވަރުގެ ދެއްވަނީވެސް އެކަލާންގެ ކަމަށް. އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫން. ތެދުމަގު ދައްކަވާށި.“ ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.
ޕީއެންއެފްގެ އެ ޖަލްސާގައި ޑރ. ޖަމީލް ވަނީ ރައީސް މުޢިއްޒު ”ކިތަންމެ ވަރަކަށް ޓީވީއާއި ތަންތަން ހިފައިގެން ގޮސް ފަތިސް ނަމާދަށް އެރި ކަމުގައިވިޔަސް، މަކަރު ހައްދަވާ ކަމުގައިވަންޏާ މާތް ﷲ އެމަނިކުފާނުގެ މައްޗަށް ސުވަރުގެ ހަރާމް ކުރައްވާނެ“ ކަމަށް ވިދާޅުވެފައެވެ.
ސިޔާސީ ރޭހުގައިވިޔަސް މިފަފަ ބޮޑު ބަހެއް ވިދާޅުވީތީ، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ އިތުރުން މި ސަރުކާރާ އިދިކޮޅު ގިނަ ފަރާތްތަކުން ވެސް ވަނީ އެކަން ކުށްވެރި ކުރައްވާ އެފަދަ ބަސްތައް ނުބުނުއްވުމަށް އެދިފައެވެ.



