ޑޮކްޓަރަށް ދައްކަން އޮންނަ މީހުންގެ ކިއު ކުޑަކުރަން ހަވީރުވަގުތުވެސް އައިޖީއެމްއެޗްގައި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސަން ހެލްތު މިނިސްޓްރީން މަޝްވަރާކުރަން ފަށައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.
ނާޒިމް ވިދާޅުވީ އައިޖީއެމްއެޗުގެ ހަތަރު ނުވަތަ ފަސް ޑިޕާޓްމަންޓެއްގައި ކިއު ދިގުވުމުގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ބަލިމަޑުކަމުގެ ވައްޓަފާޅިއާ އެއްވަރަށް ޑޮކްޓަރުންނާއި ވަސީލަތްތައް ނެތުމަކީ ކިއު ބޮޑުވާ ސަބަބެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗުގެ ސީނިއާ ޑޮކްޓަރުންނާއެކު މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މިގޮތުން މިކަން ހައްލުކުރުމަށްޓަކައި މިހާރު މަޝްވަރާ ކުރެވެމުން މިދަނީ ހަވީރު ގަޑީގައި އައިޖީއެމްއެޗްގެ އޯޕީޑީން ޚިދުމަތްދެވޭނެ ގޮތް ހެދުން ކަމަށް މިނިސްޓަރު ނާޒިމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ މިއީ މުސާރައިގެ އިތުރު އެލަވަންސްތައް ދީގެން ކުރެވޭނެ ކަމެއް ކަމަށާއި އެ މަޝްވަރާތައް ނިމިގެން އިތުރު ގޮތްތަކެއް ހޯދޭނެ ކަމަށެވެ.




