ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވަން އެންމެ ވަރުގަދަ އެއް ހަތިޔާރަކީ ތަޢުލީމު ކަމުގައި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ.
އާތިފް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން އާއި ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.
މި ޕްރޮގްރާމްގައި، ސްޓޭޓް މިނިސްޓަރާއެކު ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ ރައީސް އަދި އެކްޝަން ޕްލޭންގެ ޓެކްނިކަލް ވޯކިން ގުރޫޕް މެންބަރ ހުސައިން ޝަރީފް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެގޮތުން އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވަން އެންމެ ވަރުގަދަ އެއް ހަތިޔާރަކީ ތަޢުލީމު ކަމަށެވެ.
”ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމު ފޯރުކޮށްދެވިއްޖެނަމަ، ދިރިއުޅުމުގައި ދިމާވާ ގިނަ ހުރަސްތައް އެ ފަރާތްތަކަށް ފަސޭހަ ކަމާއެކު ކަޑައްތުކުރެވޭނެ“ އާތިފް ވިދާޅުވިއެވެ.
މީގެ މިސާލު ދައްކަވަމުން، އާތިފް ވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގައި ހުސައިން ޝަރީފް މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ކަން ފާހަގަކުރައްވާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީއެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ވެސް ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ ޕްލޭންގައި ހިމެނިގެންވާ ވަރަށް މުހިންމު އެއް ދާއިރާކަމަށް ސްޓޭޓް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭގައި ހުނަރުވެރި ޤާބިލު ފަރާތްތައް ތިބި ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.


