ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ހިމެނޭހެން 12 މީހަކު ހައްޔަރުކުރަން ރެޑް ނޯޓިސްއެއް ނެރެދިނުމަށް އެ ޤައުމުގެ ފުލުހުން އިންޓަޕޯލްގައި އެދިއްޖެއެވެ.
ބަންގްލަދޭޝްގައި ހިނގި ބޮޑު މުޒާހަރާއަކާއި ހަމަނުޖެހުމަކާ ގުޅިގެން، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ހަސީނާ ވަނީ އޭނާގެ 16 އަހަރުވީ ވެރިކަން ދޫކޮށްލައި، ބަންގްލަދޭޝުން އިންޑިއާއަށް ފިލާފައެވެ.
އޭގެ ފަހުން ހަސީނާ ހޯދުމުގެ މަސައްކަތް ބަންގްލަދޭޝް ފުލުހުން ވަނީ ފަށާފައެވެ. އަދި އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) އިން ވެސް ވަނީ މިދިޔަ އަހަރު ފަހުކޮޅު ނެރެފައެވެ.
ހަސީނާއާއި އޭނާގެ ސަރުކާރުގެ މިނިސްޓަރުންތަކަކާއި، އެޑްވައިޒަރުންގެ އިތުރުން އަސްކަރިއްޔާގެ ބައެއް މީހުން ހައްޔަރު ކުރުމަށް ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން ހޯދަމުން ދަނީ، އެ ޤައުމުގައި އޭނާ އިސްކޮށް ހުރެ ހިންގި ގަތުލުއާންމުތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޢަމަލުތަކާ ގުޅިގެންނެވެ.



