އަށް ހާހަށްވުރެ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިހާނުތައް މިއަދު ފަށައިފިއެވެ.
އެސްއެސްސީ އާއި ކެމްބްރިޖު އައިޖީސީއެސްސީ އިމްތިހާނު ހިމެނޭ ގޮތަށް 8،364 ދަރިވަރުން މިއަހަރުގެ މި އިމްތިހާނުތަކުގައި ބައިވެރިވެފައިވެއެވެ.
އެގޮތުން މިއަދާއި މާދަމާ ކުރިއަށްދާނީ އެސްއެސްސީ (ދިވެހި އަދި އިސްލާމް މާއްދާ) ގެ އިމްތިހާނެވެ.
އޯ ލެވެލް އިމްތިހާނާ ގުޅޭގޮތުން މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، މި އަހަރު 260 ސެންޓަރެއްގައި މި އިމްތިހާނުތައް ކުރިއަށްދާނެ ކަމަށެވެ.
މިއަދު އިމްތިހާނު ފަށާފައިވަނީ ނިމިދިޔަ ދިރާސީ އަހަރު ގްރޭޑް 10 ފުރިހަމަ ކުރި ދަރިވަރުންނެވެ.
މި މަހުގެ 7 ގައި ފަށާފައިވާ ދިރާސީ އައު އަހަރު، ގްރޭޑް 10ގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ/ މާޗު ގައެވެ. އަދި މިއަހަރު ގްރޭޑް 9 ގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރުން ނޮވެމްބަރަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ އަންނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން އޯ ލެވެލް އިމްތިހާނުތައް ބާއްވާނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރުން ނޮވެމްބަރަށް ކަމަށެވެ.


