ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަމަށް މުޙައްމަދު މުޖްތާޒް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަން ކުރައްވައިފިއެވެ.
ސީއެސްސީގެ މެންބަރުކަން ހުސްވެފައި ވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ސީއެސްސީގެ މެމްބަރުކަމަށް އަލްއުސްތާޛު މުހައްމަދު މުޖުތާޒު އައްޔަނު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ސީއެސްސީގެ މެންބަރުކަމުގެ ހުވައި، މުޖުތާޒު އަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދެވެ.
އަދި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތުގައި މުޖްތާޒާ ޙަވާލުކުރެއްވިއެވެ.
އަލްއުސްތާޛު މުޙައްމަދު މުޖްތާޒަކީ މޯލްޑިވްސްކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައި މުޖުތާޒު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.




