ނޭޝަނަލް ސިންގަލް ވިންޑޯ ”ޓްރޭޑިއަން“ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ ޝިޕިންގ އޭޖެންޓުންނާއި، ފްރައިޓް ފޯވަރޑިންގެ ޚިދުމަތްދޭ ފަރާތްތައް ރަޖިސްޓްރީވުމާއި ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމަށްޓަކައި ނޭޝަނަލް ސިންގަލް ވިންޑޯ ”ޓްރޭޑިއަން“ ޕްލެޓްފޯމް މިއަދުން ފެށިގެން ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
މިކަން މިގޮތަށް ކުރަން ކަސްޓަމްސް އިން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ ދެ ވަަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބުނެފައި ވެއެވެ.
މިގޮތުން މިއީ އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ބޯޑަރުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ދިނުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.
ކަސްޓަމްސް އިން ބުނީ ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް، 31 މެއި 2025 ވަނަ ދުވަހުގެ ނިޔަލަށް، މިހާރު ހުށަހަޅަމުންދާގޮތަށް ކާގޯ މެނިފެސްޓާއި ”ވެސެލް އެރައިވަލް އިންފޮމޭޝަން (އީ.ޓީ.އޭ)“ އާ ގުޅޭ މަޢުލޫމާތު ކަސްޓަމްސްއަށް ހުށަހެޅޭނެ ކަމަށެވެ.
ނަމަވެސް ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން، އެ ޚިދުމަތްތައް ހޯދޭނެ ހަމައެކަނި ޕްލެޓްފޯމަކީ ޓްރޭޑިއަން ކަމަށްވާތީ، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީ ކުރުމަށް އެންމެހާ ޝިޕިންގ އެޖެންޓުންނަށާއި ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދޭ ފަރާތްތަކުން ސަމާލުވުމަށް ކަސްޓަމްސް އިން ވަނީ އެދިފައެވެ.
މީގެ އިތުރުން ޓްރޭޑިއަން ޕޯޓަލްގައި ރަޖިސްޓްރީވުމާއި ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތައް ހޯދުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، ޓްރޭޑިއަންގެ ސަޕޯޓް (ފޯން:3334001)އަށް ގުޅައި ނުވަތަ support@tradian.gov.mvއަށް އީމެއިލް ކުރުމަށް ކަސްޓަމްސް އިން ވަނީ އެދިފައެވެ



