ޤައުމީ ފުޓްބޯޅަ ޓީމަށް ކޯޗަކު ހޯދަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން އިއްޔެ އިއުލާން ކޮށްފިއެވެ.
އެފްއޭއެމުން ވަނީ ޤައުމީ ޓީމަށް ހެޑްކޯޗުގެ އިތުރުން އެސިސްޓަންޓް ކޯޗު، ގޯލްކީޕަރު ޓްރެއިނަރު، ފިޒިކަލް ޓްރެއިނަރު، އަދި ޓީމު ޑޮކްޓަރެއްވެސް ހޯދަން އިއުލާނުކޮށްފައެވެ.
އެފްއޭއެމް ކުރި އެ އިއުލާނުގައި ބުނީ ޤައުމީ ޓީމަށް ކުރިއަށް އޮތް ތިން މަސްދުވަހަށް ކޯޗަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެގޮތުން ޤައުމީ ޓީމުގެ ކޯޗު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އޭއެފްސީ ޕްރޯ ލައިސަންސް އޮތުމާއި ކުލަބުތަކާއި ގައުމީ ޓީމުގައި މީގެ ކުރިން ނެރެފައިވާ ޕާފޯމަންސަށް ބަލާނެ ކަމުގައި ވެސް އެފްއޭއެމްގެ އިއުލާނުގައި ބުނެފައި ވެއެވެ.
އެފްއޭއެމުން ބުނީ ކޯޗެއް ނެގުމުގައި ޤައުމީ ޓީމެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ހުރުމާއެކު މެޗުގެ ޕްލޭން އެކުލަވާލުމާއި އިދިކޮޅު ޓީމު ދެނެގަތުމުގެ ގާބިލްކަމާއި އެމީހެއްގެ ރެޕިއުޓޭޝަން ހުރި މިންވަރު ފަދަ ކަންކަމަށް ބަލާނެ ކަމަށެވެ.
ޤައުމީ ޓީމަށް ކޯޗަކު ހޯދަން އިއުލާނުކޮށްފައި ވާއިރު، އެ ޓީމަށް އެންމެފަހުން ކޯޗުކަން ކޮށްދިން އަލީ ސުޒޭންގެ ކޮންޓްރެކްޓް ވަނީ ހަމަވެފައި ކަމަށް އެފްއޭއެމް އިން މީގެ ކުރިން ވަަނީ ބުނެފައެވެ.


