ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުންގެ 7 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ އަސާސީ ތަމްރީނާއި ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ އަސާސީ ތަމްރީނު ކޯހުގެ 7 ވަނަ ބުރު ފަށައިފައިވާ ކަމަށެވެ.
އަދި އެ ކޯސް ފަށާފައި ވަނީ މިއަދު ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެގޮތުން މިއަދުން ފެށިގެން މެއި މަހުގެ 15 އާ ހަމައަށް އެ ކޯސް ކުރިއަށް ގެންދާނެއެވެ.
އެ ކޯސް ކުރިއަށް ގެންދަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ މާލޭ ކެމްޕަހުގައެވެ.
އެ ކޯހުގައި ސްޕެޝަލް ކޮންސްޓަބުލަރީ 25 ފުލުހުން ބައިވެރިވެއެވެ. އެއީ 16 ފިރިހެން ފުލުހަކާއި ނުވަ އަންހެން ފުލުހުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި ކޯހުގައި، ފިޒިކަލް ޓްރެއިނިންގ އެންޑް ލައިފް ސްޓައިލް ފިޓްނެސް، ޑްރިލް ، ޔޫސް އޮފް ފޯސް އެންޑް ޑިފެންސިވް ޓެކްނިކްސް، ބޭސިކް ފަސްޓް އެއިޑް، ބޭސިކް ފަޔަރ ކޮންޓްރޯލް، ލޯ އެންޑް ޕްރޮސީޖްރަލް ނޮލެޖް، ކޮމިއުނިކޭޝަން ސްކިލްސް، ބޭސިކް ޕޮލިސިންގ ސްކިލްސް އަދި ސެކިއުރިޓީ ސްކިލްސް ކްލާސްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުންގެ 7 ވަނަ އަސާސީ ތަމްރީނު ކޯސް މާލޭގައި ފެށިގެން ކުރިއަށް ދާއިރު ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ 6 ވަނަ އަސާސީ ތަމްރީނު ކޯސް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ކެމްޕަހުގައި މި މަހު 13 ވަނަ ދުވަހު ފެށިގެން ކުރިއަށް އެބަދެއެވެ.




