ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި، އެކި ޒަމާނާއި އެކި ޙާލަތްތައް ބަދަލުވަމުންދާ ދިއުމުގައި، ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ، މަސަލަސްކަމާއި މަޖްދާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ދިވެހި ސިފައިންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި މި ޤައުމު އެއް ވެރިކަމެއްގެ އަމުރުމަޢުރޫފުގެ ދަށުގައި، މުސްތަޤިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ، ޤައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ހިފަހައްޓައިދިނުމަށް ކެނޑިނޭޅި ބަޔަކުވީ ގުރުބާނީގެ ސަބަބުންކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މި ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރީ، ޤައުމު ދިފާޢުކޮށް، އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ ދިވެހި ސިފައިންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤައުމަށްޓަކައި ސިފައިން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ރައީސް މުޢިއްޒު ވަނީ، އަމިއްލަ ނަފުސާއި ޢާއިލާތަކަށްވުރެ އަބަދުވެސް ސިފައިން އިސްކުރަނީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުކަމުގައި ވިދާޅުވެފައެވެ. އަދި ޤައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރައުފުލުމުގައި އިސްނެގީ ދިވެހި ސިފައިންކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
”ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ޤައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި ޢަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރައީސް މުޢިއްޒު ވަނީ ތަހުނިޔާގެ ޕޯސްޓެއްވެސް އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ހިއްސާކުރައްވާފައެވެ.
ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގައި މި ޤައުމު ދެމިއޮތުންކަމަށާއި، ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން ކަމުގައި އެމަނިކުފާނުގެ އެ ޕޯސްޓުގައި ވިދާޅުވިއެވެ.
Subscribe to Updates
Get the latest creative news from FooBar about art, design and business.




