ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި މިއަދު ހެނދުނު 06:00 ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ީޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނެވެ.
މި ރަސްމިއްޔާތުގައި، މިނިސްޓަރު ޣައްސާން ވަނީ ސިފައިންގެ 133 ވަނަ އަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިޢާރުކަމުގައިވާ، ”ޤާބިލު އަސްކަރިއްޔާ، ޤައުމުގެ ފަޚުރު“ މި ޝިޢާރު ހާމަ ކޮށްދެއްވާފައެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްއާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިން ވެސް ބައިވެރިވިއެވެ.

މި ރަސްމިއްޔާތު ނިމިގެން ދިޔައީ ޚާއްސަ ދުޢާއަކާއި ސިފައިންގެ ލަވައިންނެވެ. ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތު، ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ޤާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ މިއަދު ކުރިއަށް ގެންގޮސްފައެވެ.
ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 އެޕްރީލު 21 ވަނަ ދުވަހުއެވެ.




