އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ގައުމީ މަޖިލިހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އާ ގުޅުވައި، ފުލުހުން ތަހުގީގު ކުރަމުންދާ ޖިނާއީ މައްސަލައާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލު ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ސިވިލް ކޯޓަށް ހުށަހަޅުއްވާ މަދަނީ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް، އެކަމަނާގެ ޤާނޫނީ ވަކީލުން ރޭގައި ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ދާދި ފަހުން ބޭއްވި ސިލްސިލާ މުޒާހަރާތަކުގައި ރައީސް މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން، މެޑަމް ސާޖިދާގެ ފަރާތުން، މަންދީ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން އެ ޕާޓީގެ މައްޗަށް ވެސް ސިވިލް ކޯޓުގައި ވަނީ ދައުވާ އުފުލާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވެސް ވަނީ ޖިނާއީ ތަހުގީގެއް ފަށާފައެވެ. އަދި މަންދީއާއި މާޒް ސަލީމް ފުލުހަށް ހާޒިރުކޮށް މިކަމާ ގުޅޭގޮތުން ސުވާލު ކުރުމަށް ވެސް ނިންމާފައިވެއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން، މަންދީއާއި މާޒް ސަލީމް ފުލުހަށް ހާޒިރުވެ، އެ ދެމީހުންގެ ހަށިގަނޑުގެ ޖިންސީ ގުނަވަން ފިޔަވާ އެހެން ބައިތައް ފެންނަ ގޮތަށް ފޮޓޯ ނެގުމަށާއި އަޑުގެ ސާމްޕަލް ނެގުމަށް އަމުރުކޮށްފައިވާ ކަމަށްބުނާ ޗިޓެއްގެ ކޮޕީއެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. މިކަމާ ގުޅިގެން ސިވިލް ކޯޓަށް މެޑަމް ސާޖިދާ ހުށަހަޅުއްވާފައިވާ މައްސަލައާ ވެސް ގުޅުވައި، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އެހެންކަމުން މިކަން ސާފުކޮށްދެއްވައި، ރައީސްގެ އާއިލާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ރޭގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ފަސްޓް ލޭޑީ ސާޖިދާ ހުށަހަޅުއްވާފައިވަނީ މަދަނީ މައްސަލައެއް ކަމަށެވެ.
އެގޮތުން އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެ މައްސަލަތަކާ ގުޅިގެން އޭގައި ޖިނާއީ އެއްވެސް ތަހުގީގެއް ނުވަތަ އިޖުރާއަތެއް އެކުލެވިގެން ނުވާ ކަމަށެވެ.
މީގެއިތުރުން މަދަނީ ގޮތުން ހުށަހަޅުއްވާފައިވާ މައްސަލަ އާއި ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާއި ފުލުހުން ކުރަމުންދާ ޖިނާއީ ތަހުގީގަކާ ގުޅުވައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.




