ސިނގިރޭޓު ރާއްޖެއަށް އެތެރެކޮށްގެން، އޭގެން އިޤްތިޞާދީ ނަފާވެރިކަން ހޯދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅު ނުވާ ކަމުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ، މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ސައީދު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ސިނގިރޭޓަކީ އެއަށްވުރެމާ ގެއްލުންދޭ އެއްޗެއްކަން އަންގައިދީ ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކަމަށެވެ.
”އިރާދަކުރެއްވިއްޔާ ކުރިމަގުގައި އަޅުގަނޑުމެންގެ ޖީލަކީ، އަޅުގަނޑުމެންގެ ދަރިންނަކީ ސިއްހީ ގޮތުން ދުޅަހެޔޮ ކުދިންނަށްވީމަ ލިބޭ ފައިދާ މާ ބޮޑުވޭ، އެ އެތެރެ ނުކޮށްގެން ލިބޭ އިކޮނޮމިކް ގެއްލުމަށްވުރެ“ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރައީސް މުޢިއްޒު އިސްކަންދެއްވާ އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި ރާއްޖެއަކީ ސިއްހީގޮތުން ދުޅަހެޔޮ ޖީލެއް ބިނާވެފައިވާ ޤައުމަކަށް ހެދުން ހިމެނޭ ކަމަށެވެ.




