ސަރުކާރުން ފެށި ބަންކަރިންގެ ޚިދުމަތުން ނަފާ ލިބޭ ކަމަށާއި ލިބެމުން އަންނަ ފައިދާތައް އެސްޓީއޯގެ ހިސާބުތަކުން ފެންނަން ހުރިކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ސައީދު ވިދާޅުވީ ބަންކަރިންގެ ވިޔަފާރިއަކީ އެތައް ބިލިއަން ޑޮލަރަކަށް އަގު އަރައި ދުނިޔޭގެ ފެންވަރުގެ ވަރަށް ބޮޑު ވިޔަފާރިއެއް ކަމަށެވެ. އެހެންކަމުން ރާއްޖެއިން މި ޚިދުމަތް ފެށީ، މަޑުމަޑުން މި ޚިދުމަތް ތަރައްގީކޮށް 400 މިލިއަނެއްހައި ރުފިޔާގެ ފައިދާ ހޯދަންކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ބަނދަރެއް ނެތި، ކަނޑުގެ ސަރަހައްދެއްގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް މިހާރު ވެސް ކުރިއަށްދާކަމަށެވެ. އަދި ބަނދަރެއް ނެތި މި ޚިދުމަތް ފެށީ، އެއްވެސް އުޒުރެއް ދައްކައިގެން މަސައްކަތް ނުފަށައި ލަސްކުރަން ސަރުކާރުން ބޭނުން ނުވާތީކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
”ބަންކަރިން ޚިދުމަތުން ލިބޭ އާމްދަނީގެ ހިސާބުތައް އެ ޚިދުމަތް ދޭ އެސްޓީއޯއިން ލިބެން ހުންނާނެ. އަދި މަސައްކަތް ފެށި ނަމަވެސް، ކޮންމެ ދުވަހަކު ޖަހާ ކޮންމެ ދުވަހެއްގެ ހިސާބު މީޑިއާއަށް ހިއްސާކުރުން އެއީ ނުވެދާނެ ކަމެއް“ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.



