ބޭސިކް ޕެންޝަންގެ ގޮތުގައި ކޮންމެ މަހަކު 100 މިލިއަން ރުފިޔާ ހަރަދުވާކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް ވިދާޅުވެއްޖެއެވެ.
ޝުޖާތާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ޝުޖާތާ ވިދާޅުވީ މަހެއެްގެ މައްޗަށް މިހާރު ޕެންޝަނަށް ކުރަމުން އަންނަ ޚަރަދު 100 މިލިއަންގެ ބަދަލުގައި 2030 ވަނަ އަހަރު އެ އަދަދު ހަތް ޕަސެންޓަށް އިތުރުވުމުން ދައުލަތަށް އެ ޚަރަދު ކުރަން ބުރަ ބޮޑުވާނެ ކަމަށެވެ.
“2030 ވަނަ އަހަރު އަންނައިރު 65 އަހަރުގެ އާބާދީ ހަތް ޕަސެންޓަށް އިތުރުވާނެ، އުމުރުން ދުވަސްވާ މީހުންގެ ނިސްބަތް އިތުރުވުމަކީ ޕެންޝަނަށް ކުރާ ޚަރަދު ވެސް އިތުރުވާނެ ކަމެއް“ ޝުޖާތާ ވިދާޅުވިއެވެ.
ޕެންޝަންގެ ގާނޫނުގެ ބޭރުން ހިންގާ އެކިއެކި ސްކީމްތަކުގެ ސަބަބުންވެސް ތަފާތުކުރުން ބޮޑު ނިޒާމެއް އުފެދިފައިވާކަމަށް ޝުޖާތާ ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ބަޔަކަށް ހިލޭ ލިބެމުން ދިޔަ ފައިދާއެއް ކުއްލިއަކަށް ހުއްޓާލުމަކީ ވެސް އޭގެ އެންމެ ރަނގަޅު ގޮތެއް ނޫން ކަަމަށާއި މެދުމިނުގެ ހައްލެއް ހޯދަން ޖެހޭކަމަށާއި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްފަހު އެކަން ހުއްޓާނެ ތާރީޚެއް ކަނޑައަޅަން ޖެހޭ ކަމަށް ޝުޖާތާ ވިދާޅުވިއެވެ.



