މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރަޢީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. މިއީ އެމަނިކުފާނު ރާއްޖޭއަށް ވަޑައިގަންނަވާ ބޭއްވެވި ފުރަތަމަ ބައްދަލު ކުރެއްވުމެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވަނީ ބައިވެރިވެލައްވާފައެވެ.
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ ޢިލްމުވެރިން ރާއްޖެއަށް ގެންނެވުމަށް ރައީސް މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން އިސްލާމިކް މިނިސްޓްރީން ދެއްވި ދަޢުވަތުގައި ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވުމުގެ ހުއްދަ ސަޢުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ވަނީ އިޒުނަ ދެއްވާފައެވެ.




